ޚަބަރު

ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކޮށް 8 އަތޮޅަށް ޔެލޯ އެލާޓް ނެރެފި


ރާއްޖޭގެ މޫސުން މިއަދު ގޯސްވާނެކަމަށް ލަފާކޮށް، 8 އަތޮޅަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ރީނދޫ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 12:00އާ ހަމައަށެވެ. މިވަގުތު ތަކުގައި މިއަތޮޅުތަކަށް ބޯކޮށް ވާރޭ ބެހުމާއިއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަ ކުރާނެކަމަށް ލަފާކޮށް އިއްޔެ ނެރުނު ވައިޓް އެލާޓްވެސް ވަނީ ދަމަހައްޓާފައެވެ. އެގޮތުން މާލެއިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ނެރެފައިވާ ވައިޓް އެލާޓުގައި މިސަރަހައްދުތަކަށް ވާރޭވެހި 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

ޓްރާސްޕޯޓް މިނިސްޓްރީން އެކުލަވާލައި، ޢާންމުކޮށްފައިވާ ގަވާއިދު ބުނާގޮތުން މޫސުމާއި ގުޅިގެން ޔެލޯ ނުވަތަ އޮރެންޖު އެލާޓް ނެރެއްޖެނަމަ، އެސަރަހައްދެއްގައި 30 ފޫޓުން ފެށިގެން ކުޑަ ކަނޑުގެ އުޅަނދުތައް ފަސިންޖަރުންނާއިއެކު ދުއްވުމަކީ މަނާކަމެކެވެ.