ޚަބަރު

ކޮޕް26: ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮޕް26ގެ ހަވާސާގައި ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ވަށްމޭޒު ބައްދަލުވުމުގެ ބައިވެރިން ވަނީ ދުނިޔޭގެ ފިނިހޫނިމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެޖެއްޓުމަށް ކަނޑައަޅާފައިވާ އަމާޒާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެބޭފުޅުން ވަނީ އެ ލަނޑުދަނޑި ޙާޞިލުކުރުމަށް ބޭނުންވާ "ކްލައިމެޓް ފައިނޭންސިންގ"އަށާއި، އެކަމަށް އަހައްމިއްޔަތުކަން ނުދެވިއްޖެނަމަ ކުރިމަތިވާނެ ގެއްލުންތަކަށާއި، އަދި އެކަމަށް އަހުލުވެރިވުމަށް ބޭނުންވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

އަދި މި ބައްދަލުވުމުގެ ބައިވެރިން ވަނީ ކުދި ޖަޒީރާ ޤައުމުތައް އެއްބައިވެ ހުށަހަޅަމުންދާ މައްސަލައަކީ މިހާރު އެއް މައްސަލައެއްގެގޮތަށް ފާހަގަކުރައްވައި އެކަން ޙައްލުކުރުމަށް އުންމީދު އާކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން މިބޭފުޅުން ވަނީ ކޮޕް26ގެ ބައްދަލުވުމުގެ ތެރެއިން ހަމަޖެހިގެންދާނެކަމަށް ބެލެވޭކަންކަމާމެދުވެސް މަޝްވަރާކުރައްވާފައެވެ.

ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެވަޑައިގެންނެވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް މީހުން އަހުލުވެރިކުރުވައި، އެފަދަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމަށް ރާއްޖޭން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.