ކުޅިވަރު

ފުޓްބޯޅައިގެ ސަބަބުން ގައުމު އެއްބައިވަންތަ ކުރުވާ - ނާއިބް ރައީސް


ފުޓްބޯޅައަކީ އަބަދުވެސް ގައުގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ ވަރަށް މުހިން ދައުރެއް އަދާކުރާ ކުޅިވަރެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބް ރައީސް މިހެން ވިދާޅުވެފައިވަނީ ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ގައުމީ ޓީމުން ކުރި މަސައްކަތަކާއި ސްރީލަންކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް ގައުމީ ޓީމް ފުރުމުގެ ކުރިން ހިތްވަރު ދިނުމަށް ހޮޓަލް ޖެންގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަހިންދަރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް ކުރިއަށްދާނީ މިމަހުގެ 7 ކުން 18އަށެވެ. ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިންވަނީ ދެ މެޗް ކާމިޔާބުކޮށް ދެ މެޗުން ބަލިވެފައެވެ. ލީގް އުސޫލުން ކުރިއަށްދިޔަ މިމުބާރާތުގައި ރާއްޖެއަށް ފައިނަލްގެ ފުރުސަތު ގެއްލުނީ ގުރޫޕްގެ ފަހު މެޗްގައި އިންޑިޔާ އަތުން ބަލިވެގެންނެވެ. ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމްވަނީ ގައުމީ ޓީމް ލައްކާއަށް ފުރުމުގެ ކުރިން އެޓީމަށް ހިތްވަރު ދެއްވާފައެވެ. މިރަސްމިޔާތުގައި ވާހަކަދައްކަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގައުމީ ޓީމުގެ ކުޅުންތެރިން ކުރަނީ ވަރަށް ބުރަ، ގައުމީ މަސައްކަތެއްކަމަށާއި ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްއިން އެކަން ވަރަށް ބޮޑަށް އެގިގެންގޮސްފައިވާކަމަށެވެ. އަދި ގައުމީ ކުޅުންތެރިންނަކީ ގައުމްއަށް އުފާވެރިކަން ގެނެސްދޭ ކުޅުންތެރިންތަކެއްކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.

"ސާފް ޗެމްޕިއަންޝިޕްގައި ފެނުނީ އާދަޔާހިލާފު ސަޕޯޓެއް. ކޮންމެ ރަށަކާއި މާލެއިން އަދި ދަނޑުން ވެސް ފެނިގެންދިޔައީ އެއް ޖޯޝެއް. ގައުމީ ޓީމުން ވަރަށް ހިތްވަރުކުރި، ކޮންމެ ފަހަރަކު ހުރިހާ ޓީމަކަށް ކާމިޔާބު މުބާރާތަކަށް ނުވެދާނެ. މީގެ މަސައްކަތް ކުރަންވީ ކުރިއަށް އޮތްތަނުގައި ހިތްވަރުކޮށް ކާމިޔާބު ހޯދަން. ގައުމުގައި ކުޅުނަސް ގައުމުން ބޭރުގައި ކުޅުނަސް އަޅުގަނޑުމެންގެ އަތްތިލަބަޑީގެ އަޑު މަޑުވެގެން ނުދާނެ. އަޅުގަނޑުމެންގެ ދުއާއަކީ އަބަދުވެސް ގައުމީ ޓީމަށް ކާމިޔާބު ލިބުން،" ނައިބު ރައީސް ވިދާޅުވިއެވެ.

މިސަރުކާރުން ފެށުންވެސް އައީ ދުޅަހެޔޮ ހަށިހެޔޮ ޝިއާރުގެ ދަށުން ހިންގުނު ކުޅިވަރުގެ އިވެންޓްތަކުންކަމަށާއި މުޅި ރާއްޖެއަށް ފުޅާކޮށް ފުޓްބޯޅައިގެ ފޯރި މުޅި ރާއްޖޭގައި އަލުން ގެނައުމަކީ ވަރަށް ބޮޑަށް އެދޭކަމެއްކަމަށެވެ. އަދި ކުޑައިރުއްސުރެއްވެސް ފުޓްބޯޅައިގެ ކަންކަމުގައި ޝާމިލުވެގެން އަބަދުވެސް ފުޓްބޯޅައިގެ ކަންކަމަށް ހާއްސަ ޝަޢުގުވެރިކަމެއް ހުންނަކަމަށެވެ.

ލަންކާގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕަށް ކުރިއަށްދާނީ މިމަހުގެ 8ކުން 17އަށެވެ. މިމުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ބަންގްލަދޭޝް، ސްރީލަންކާ އަދި ސީޝެލްސްއެވެ.