ޚަބަރު

"ޢުދުވާނީ ހަމަލާއަށް 33 އަހަރު، ބިރުވެރި ހަނދާންތައް ނުފިލާ"


މީގެ 33 އހަރު ކުރިން ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބިގެން ހިންގި ޢުދުވާނީ ހަމަލާއަކީ ދިވެހި ރައްޔިތުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ ހިތްދަތި ދުވަހެކެވެ.

ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލުމަށް ހިންގި މި ބިރުވެރި ހިތްދަތި ހާދިސާގައި 19 ދިވެހިންވަނީ ޝަހީދުވެފައެވެ. އެއީ ދިވެހި ސިފައިންގެ 8 ބޭކަލަކާއި ޢާއްމު ރައްޔިތުންގެ 11 މީހެކެވެ.

1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާ އާއި ދިވެހިން ކުރިމަތިލީ ދުވަހެވެ. ދިވެހިންގެ ތެރެއިން ބަޔަކު ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާއި ގުޅިގެން ހިންގި މި ނުރައްކާތެރި ބަޣާވާތުގައި 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުންނެވެ. ބަޣާވާތުގައި ބައިވެރިވި ދިވެހިންގެ މަދުބަޔަކާއިއެކު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް" ގެ 80 މީހުން ހިމެނުނެވެ. ޚާއިނުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމަޗަށް ގެންދިއުމަށްޓަކައެވެ.

މި ޢުދުވާނީ ޙަމަލާ ރާވައި ހިންގުމުގައި އިސްކޮށް ތިބީ ދިވެހި ޤައުމަށް ޣައްދާރުވި ދިވެހިންގެ މަދުބަޔަކާއި ސްރީލަންކާގައި އޭރު އޮތް ތަމަޅަ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓު) ޖަމާޢަތެވެ.

ނޮވެމްބަރު 3ގެ ބާޣީންނާއި ދުޝްމަނުންގެ މަޤްޞަދަކަށްވީ މުޅި ދިވެހި ޤައުމު އެމީހުންގެ އަތްމަށްޗަށް ގެންދިއުމެވެ. މި ޢުދުވާނީ ހަމަލާގެ މޭސްތިރިޔަކީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ. ޢަބްދުﷲ ލުޠުފީއާއެކު ދިވެހިންގެ 6 މީހަކު އެކިގޮތްގޮތުން މިކަމުގައި އެހީތެރިވެފައިވެއެވެ.

ޒަމާނީ ހަތިޔާރާއެކު ހަމަލާދެމުންދިޔަ ދުޝްމަނުންގެ އަމާޒަކަށް ހަދާފައި އޮތީ ދިވެހި ސިފައިންގެ މައި މަރުކަޒެވެ. މިޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ދިފާޢުކުރުމަށް ނުކުތް ސިފައިންގެ ލަޝްކަރުގެ 8 ބޭފުޅަކު ޝަހީދުވިއެވެ. އެދުވަހު ދުޝްމަނުންނަށް ސިފައިންގެ މައިމަރުކަޒު ނުހިފުނީ ހިތްވަރުގަދަ ބަޠަލު ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕަރަލް ޙުސައިން އާދަމް ސިފައިންގެ ދޮރާށި ބެލެހެއްޓެވުމުގައި ޝަހީދުވަންދެން ހަނގުރާމަކުރެއްވުމުންނެވެ. އެދުވަހު ދިވެހި ޤައުމަށް ލިބުނު ނަޞްރުގެ ހަޤީޤީ ސަބަބަކީ އެންމެ 20 އަހަރުގެ މި ޒުވާން ބަޠަލު ދައްކުވައިދިން މިހިތްވަރުގަދަ ޢަމަލެވެ. އެ ބިރުވެރި ދުވަހު ޢާންމު މަދަނީންގެ ތެރެއިން ދުޝްމަނުން ޝަހީދުކޮށްލި 11 ދިވެހިންނާއެކު ޖުމްލަ 19 ދިވެހިންގެ ޠާހިރުލެއިން މި ފަޚުރުވެރި ދިވެހި ބިން ފެވިގެންދިޔައެވެ. އަދި މިޙަމަލާގައި 39 ދިވެހިން ވަނީ ޒަޚަމްކޮށްލާފައެވެ.

މި ޢުދުވާނާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ސިފައިންގެ އިސްވެރިން، ދިވެހިރާއްޖެ މިއުދުވާނުން ދިފާޢުކުރެއްވުމަށްޓަކައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަން ހޯއްދަވަން މުހިންމު ބުރަ މަސައްކަތްޕުޅެއް ކުރެއްވިއެވެ. ދިވެހި ސަރުކާރުން އެހީއަށް އެދުނު ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދެވުނީ އަވައްޓެރި އިންޑިއާއަށެވެ.

އެހެންނަމަވެސް އިންޑިއާ ސިފައިން އައިއިރު ދިވެހި ސިފައިން ވަނީ ހަނގުރާމައިން ނަޞްރުހޯދައި ބާޢީން ދިވެހި ބިމުން ފައްސައި ބޭރުކޮށްލާފައެވެ. ރާއްޖެއަށް ނަޞްރު ލިބުނުކަން އޭ އިޢުލާން ކުރައްވާފައި ވަނީ 1988 ވަނަ އހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 7 ޖެހިއިރުގައެވެ.

ހަނގުރާމައިން ނާކާމިޔާބު ވާނޭކަން އެނގުމާއި އެކު، ދުޝްމަނުން ވަނީ އޭރު މަލޭ ބަނދަރުގައި މުދާވެސް ނުބާލައި އޮތް ދިވެހި ދައުލަތުގެ އާގުބޯޓު ޕްރޮގްރެސްލައިޓް ހައިޖެކްކޮށްގެން ފުރާފައެވެ. އަދި އެމީހުން ވަނީ ސަރުކާރުގެ މަތީ މަޤާމުތަކުގައި އޭރު ތިއްބެވި ބައެއް ބޭބޭފުޅުން ހިމެނޭގޮތުން ދިވެހިންގެ ބަޔަކު ރަހީނުންގެ ގޮތުގައި ގެންގޮސްފައެވެ. ބާޣީންނާއި ކުރިމަތިލައި ރަޙީނުން ސަލާމަތްކޮށް ބާޣީން އިންސާފުގެ ކުރިމައްޗަށް ގެނެސްފައި ވަނީ، އިންޑިއާގެ އަސްކަރިއްޔާގެ އެހީގައެެވެ.

މިއަދު އަޅުގަނޑުމެން 33 ވަނަ ނަޞްރުގެ ދުވަސް ފާހަގަކުރަމުން އަންނައިރު ދިވެހި ކޮންމެ ދަރިއަކުވެސް ޢަޒުމް ކަނޑައަޅަންވީ މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ދިވެހި ފަސްގަނޑު ތާއަބަދަށް ހިމާޔަތް ކުރުމަށެވެ. އެދުވަހު ދިވެހިން މި ޤައުމު ޚާއިނުންގެ ކިބައިން މިނިވަން ކުރުމަށް ކުރި މަސައްކަތް ހަނދާންކޮށް މި ޤައުމަށް ޢައްދާރުވާ މީހުންނަށް ނޫނެކޭ ބުނަންވީއެވެ.