ޚަބަރު

ކައުންސިލްތަކަށް 34 އެސްޖީއަކު އައްޔަންކޮށްފި


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލް ސަރވިސް އެންމެ އިސްވެރިޔާގެ ގޮތުގައި އައްޔަންކުރުމަށް ޤާނޫނުގައި ބަޔާންކުރާ ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް 34 ބޭފުޅަކު އައްޔަންކޮށްފިއެވެ.

ސީއެސްސީން ސެކްރެޓަރީ ޖެނެރަލުން އައްޔަނުކޮށްފައިވަނީ 1 ސިޓީ ކައުންސިލް، 4 އަތޮޅު ކައުންސިލް އަދި 29 ރަށު ކައުންސިލަކަށެވެ. މީހުން ހޮވުމުގެ ޕްރޮސެސް ނިމި، މީހުން އައްޔަން ނުކުރެވި ހުރި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ކުރިއަށް އޮތް ދުވަސްތަކުގައި، ކޮމިޝަނުން މީހުން އައްޔަންކުރަމުން ގެންދާނެއެވެ. މިހާރު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވިފައިވާ ފަރާތްތަކަށް މިމަހުގެ 8 އިން 10 އަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް ކުރިމަތިލުމަށް 20 ޖޫން 2021 ގައި ކޮމިޝަނުން ޢާންމުކޮށް ހުޅުވާލުމުން، އެ މަގާމުތަކަށް 511 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

އެކިއެކި ސަބަބުތަކާހުރެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލުން އިޢުލާންކުރެވުނު 75 ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާ މިހާރުވެސް ކުރިޔަށްދާ ކަމަށް ސީއެސްސީން ވިދާޅުވެއެވެ.