ޚަބަރު

ނަރުސްމީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި


އައިޖީއެމްއެޗްގައި މަސައްކަތްކުރި ބިދޭސީ ނަރުސް މީހާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

ފުލުހުން ވިދާޅުވީ މިމީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވީ އިއްޔެ އިންޑިއާއަށް ކަމަށެވެ. ނަރުސް މީހާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕިލިޕީންސަށް ނިސްބަތްވާ އަންހެން މީހާ އަދި އޭނާގެ ފިރިމީހާވެސް މަސައްކަތްކުރަމުންދިޔައީ ނަރުހުންގެ ގޮތުގައި އައިޖީއެމްއެޗްގެ އެއް ޑިޕާޓްމަންޓެއްގައެވެ. އެ ދެ މީހުންގެ ދަރިއަކުވެސް ހުރެއެވެ.

ފިލިޕީންސްގެ މިއަންހެން މީހާ މަރުވެފައިވާ ކަމަށް ބުނެ އިމަރޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. ޑިއުޓީގައި އުޅުމަށްފަހު ބްރޭކަށް ގެއަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްފަހުން، އޭނާ މަރުވެއްޖެކަމަށްބުނެ ފިރިމީހާ އެމްބިއުލާންސް ފޮނުވަން ގުޅި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އަންހެން މީހާ މަރުވެފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ނަރުސްމީހާ މަރުވެފައިވާ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފް ކަންތައްތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން އޭނާ ނޭވާ ހާސްވެގެން ކުއްލިއަކަށް މަރުވީކަމަށާއި، އަދި ދަންޖެހިގެން އޭނާ މަރުވީކަމަށް އަނެއްބައި ފަހަރު އޭނާގެ ފިރިމީހާ ބުނަމުންދިޔަ ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

އެމީހުން ބުނިގޮތުގައި އޭނާގެ ކަރުގައި ކޮންމެވެސް ކަހަލަ ނިޝާންތަކެއް ހުއްޓެވެ. ނަމަވެސް އެއީ ކަރުގައި ވާ/ފޮތި އައްސައިގެން ދަންޖެހިފައިވާ ނިޝާންތަކަކަށްވުރެ ބޮޑަށް ޝައްކު ކުރެވެނީ، މީހާ ހާސްކޮށްލަން މަސައްކަތްކޮށްފައިވާ އިނގިލީގެ ނިޝާންތަކެއްގެ ގޮތުގައިކަމަށް މަންޒަރު ފެނުނު މީހުން ބުނެފައިވެއެވެ.