ޚަބަރު

ހަޕް ސެން ބިސްކޯދުގައި އެއްވެސް ނުރައްކަލެއް ނެތް


ގިނަ ދިވެހިން ބޭނުންކުރަމުން އަންނަ ކްރީމް ކްރޭކަރގެ ބާވަތެއްކަމަށްވާ "ހަޕް ސެންގް" ބިސްކޯދުގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ( އެމްއެފްޑީއޭ) އިން ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ އުފެއްދުމެއް ކަމަށްވާ "ހަޕް ސެންގް" ކްރޭކަރުން ކެންސަރަށް މަގު ފަހިވާ ދެ މާއްދާއެއް ހުރިކަމަށް ހޮންކޮންގެ ކޮންސިއުމާ ކައުސިލުން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނުގައިވެސް އެ ފަދަ ނުރައްކަލެއް ބިސްކޯދުގައި ނެތްކަން ވަނީ ޔަގީންކޮށްދީފައެވެ.

މިކަމާއި ގުޅިގެން އެމްޑީއެފްއޭއިން ނެރުނު ބަޔާނެއްގައިވަނީ މި ބާވަތުގެ ބިސްކޯދުގައި ނުރައްކާތެރި ބާވަތްތަކެއް ހުރިކަން އާއްމުވުމުން މެލޭސިއާގެ ކަމާއި ގުޅޭ އިދާރާތަކުން ތަހުލީލުތަކެއް ހަދާފައިވާކަމަށެވެ. އެހެންނަމަވެސް އެ ބިސްކޯދުގައި އެފަދަ އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަޤީންކަން އެ އިދާރާތަކުން ދީފައިވާކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ މި ބިސްކޯދުން ފެނިފައިވާ ކާސިނޮޖެންސްގެ އެކްރިލަމައިޑް އަދި ގްލެސިޑޮލް މި ދެ މާއްދާއަކީ އަކީ ކެންސަރު ޖެހުމުގެ ފުރުސަތު އޮންނަ މާއްދާތަކެކެވެ. އެހެންނަމަވެސް އެ މާއްދާތައް އެކުލެވުނު ނަމަވެސް އެއިން ސިއްހަތަށް އޮތް ނުރައްކާ ވަރަށް ކުޑަކަމަށް މެލޭސިޔާގެ ހެލްތުން ބުނެފައިވާކަމަށެވެ.

" މި ބިސްކޯދުން އެކްރިލަމައިޑް ފެނުނު ނަމަވެސް، އެ ބާވަތް ހުރީ އީޔޫގެ ކޮމިޝަނުން ބަލާ ބެންޗް މާކް ލެވަލަށް ވުރެ ވެސް މާ ދަށްކޮށް " އެމްއެފްޑީއޭގެ ނިންމުމުގައިވެއެވެ.