ޚަބަރު

އެމްއާރްޑީސީއިން އެކުންފުނީގެ 10 މުވައްޒަފަކަށް ސްކޮލަރޝިޕް ދީފި


މޯލްޑިވްސް ރޯޑް ޑިވލޮޕްމަންޓް ކޯޕަރޭޝަންގެ 10 މުވައްޒަފަކަށް، ޕްރޮޖެކްޓްސް މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތު ދީ މުވައްޒަފުންނަށް އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ.ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްއާރްޑީސީއިން ސްކޮލަޝިޕް ޙަވާލުކޮށްފައިވަނީ ކުންފުނީގެ ހުރިހާ މުއައްޒަފުންގެ މެދުގައި އާންމުކޮށް ހުޅުވާލި ފުރުސަތުގައި އެކަމަށް ޝަރުތު ހަމަވި ފަރާތްތަކަށް ކަމަށް ރޯޑް ޑިވލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވިއެވެ. އޭގެ ތެރޭގައި އެމްއާރްޑީސީގެ އަތޮޅުތަކުގައި ހުރި ސައިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ހިމެނެއެވެ.މި ރަސްމިއްޔާތުގައި ސްކޮލަޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ޙަވާލުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އެމްއާރްޑީސީއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ކާމިޔާބު ކަމާއެކު ހިންގުމަށް ކުންފުންޏަށް ފަންނީ މުވައްޒަފުންގެ ބޭނުން ވަރަށް ބޮޑު ކަމަށެވެ. އެމްއާރްޑްސީއަކީ ރާއްޖޭގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެއް ކަމަށްވެސް މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް ނަޒީމް ވިދާޅުވީ، އެމްއާރްޑީސީގެ 10 މުވައްޒަފަކަށް ސްކޮލަޝިޕްގެ ފުރުސަތު މިއަހަރު ދިން ނަމަވެސް އަންނަ އަހަރުވެސް މިފަދަ އެހެން ފުރުސަތުތަކެއް ފަހިކޮށްދެއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު ރާއްޖެއިން ބޭރުން ޚާއްސަ ތަމްރީނު ފުރުސަތުތަކެއް ކުންފުނީގެ މުވައްޒަފުންނަށް ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ނަޒީމް ވިދާޅުވިއެވެ.އެމްއާރްޑީސީއިން ދިހަ މުވައްޒަފުންނަށް މަތީ ތައުލީމް ޙާސިލްކުރުމުގެ ފުރުސަތު ދީފައިވަނީ ފޯކަސް އެޑިއުކޭޝަން ސެންޓަރާ ގުޅިގެން ކަމަށާއި ފޯކަސް އެޑިއުކޭޝަން ސެންޓަރާ މި ޕްރޮގްރާމް ޙަވާލުކުރެއްވީ އެސެންޓަރަކީ މިވަގުތު ރާއްޖޭގައި ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ހަމައެކަނި މަތީ ތައުލީމަށް ކިޔަވައިދޭ ސެންޓަރަށް ވުމުން ކަމަށް އެމްއާރްޑްސީއިން މައުލޫމާތު ދެއްވައެވެ. އަދި މުވައްޒަފުންގެ ކިޔެވުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެމްއާރުޑިސީން ކަމަށް އެމްއާރްޑީއިން މައުލޫމާތު ދެއްވައެވެ.