ރިޕޯޓް

މަގުމައްޗަށް ކުނިއަޅާފައި ހުރޭތަ؟ އަވަހަށް ރިޕޯޓްކުރޭ !


ކުނި ހުންނަ ސަރަޙައްދެއް ފޯނު މެދުވެރިކޮށް ކަމާބެހޭ ފަރާތަކަށް އަންގައިދެވޭ ގޮތަށް ހަދާފައިވާ މޯބައިލް އެޕްލިކޭޝަނެއް އިފްތިތާޙުކޮށްފިއެވެ. 

"މޭކް މައި އައިލެންޑް" އެޕްލިކޭޝަނަކީ،  ރާއްޖޭގެ ކުނީގެ މައްސަލައަށް ޙައްލުކުރުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމަށް ތަޢާރަފްކުރި އެޕްލިކޭޝަނެކެވެ.

ޔޫއެންޑީޕީއިން ބުނިގޮތުގައި، "މޭކް މައި އައިލެންޑް" އަކީ ދިވެހި ފުލުހުންނާއި ވޭސްޓް މެނޭޖްމަންޓް ސެކްޝަން ގުޅިގެން ހިންގާ ޕައިލެޓް ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްޞަދަކީ އާންމުންނަށް ދިމާވާ ދަތިތައް ކަމާބެހޭ ފަރާތްތަކާ ފަސޭހައިން ޙިއްޞާ ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމެވެ.

މޭކް މައި އައިލެންޑް މެދުވެރިކޮށް ރިޕޯޓެއް ކުރަން ބޭނުންވާ ފަރާތްތަކުން އެޕް ޑައުންލޯޑް ކުރުމަށް ފަހު، ރަޖިސްޓްރީވެ، ރިޕޯޓުކުރާ މައްސަލައިގެ މައުލޫމާތާއި ފޮޓޯ ޙިއްޞާ ކުރުމުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ މައްސަލަ ރިޕޯޓު ކުރެވިގެންދާނެއެވެ. އަދި ރިޕޯޓްކުރާއިރު، އެ މައްސަލައެއް ދިމާވި ތަނެއް ނުވަތަ ސަރަހައްދެއް ޗާޓުން ފާހަގަކުރަން ޖެހޭނެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން މައްސަލަ ބެއްލެވުމަށްފަހު، އެ މައްސަލައެއް ރިޕޯޓްކުރި ފަރާތަކަށް އީމެއިލްގެ ޒަރީޢާއިން ޖަވާބު ލިބޭނެއެވެ. 

މި ވަގުތު މި އެޕްލިކޭޝަން ތަޢާރަފްކޮށްފައިވަނީ މާލެ ވިލިމާލެ، ހުޅުމާލޭގެ އިތުރުން ލ. އަތޮޅުގެ ގުޅިފައިވާ ހަތަރުރަށް ކަމަށްވާ ކައްދޫ ފޮނަދޫ ގަން އަދި މާންދޫގައި ބޭނުން ކުރެވޭގޮތަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި މި އެޕްލިކޭޝަން ބޭނުންކުރެވޭ ރަށްރަށް އިތުރުވެގެންދާނެކަމަށް ޔޫއެންޑީޕީން މައުލޫމާތުދެއެވެ.

ސޯލްޓް ރެސްޓޯރެންޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެ އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ އެންވަރަންމެންޑް މިނިސްޓަރގެ ނާއިބު ޢަބްދުﷲ މަޖީދުއެވެ. 

މި އެޕްލިކޭޝަނަކީ، ކުނި އެޅުމާއި ރަށްގިރުމުގެ އިތުރުން މަގުމަތީގައި ހަރުކޮށްފައިވާ ބޮކިތައް އެނދުމުން، ފަރުދީ ޙައިޞިއްޔަތުން ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓު ކުރެވޭ ފަދަ މޮބައިލް އެޕްލިކޭޝަނެކެވެ.

އެޕްލިކޭޝަން ލޯންޗްކޮށްދެއްވުމަށްފަހު، އެންވަޔަރަމަންޓް މިނިސްޓަރގެ ނާއިބު ޢަބްދުﷲ މަޖީދު ވިދާޅުވީ، މި އެޕްލިކޭޝަންގެ ސަބަބުން ކުނީގެ މައްސަލަ ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮސް އެކަން ހުށަހެޅުމުގެ ބަދަލުގައި ރިޕޯޓް ކުރެވޭނެ ގޮތް ވުމަކީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި މިއަދު ތަޢާރަފުކުރި އެޕްލިކޭޝަނުގެ ފައިދާ ރައްޔިތުންނަށް ފެންނާނީ އެޕްލިކޭޝަން މެދުވެރިކޮށް ކުރެވޭ ރިޕޯޓުތަކަށް ކަމާބެހޭ އިދާރާތަކުން ޢަމަލީ ޙައްލެއް ގެނެސްދިނުން ކަމަށް މަޖީދު ފާހަގަކުރެއްވިއެވެ.

އެންވައިރަންމަންޓް މިނިސްޓްރީން ވިދާޅުވީ، މި އެޕްލިކޭޝަންގެ ސަބަބުން ޒުވާނުންގެ މެދުގައި ކުންޏާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.