ސިއްހަތު

ބަނގުރާ އެކުލެވޭ 2 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރުން މަނާކޮށްފި




ރާއްޖެއަށް އެތެރެކޮށް ވިއްކާ ދެބާވަތެއްގައި ބަނގުރާ އެކުލެވޭތީ، އެ ތަކެތި އެތެރެކުރުމާއި ވިއްކުން މަނާކުރައްވައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވި ގޮތުގައި ބަނގުރާ ހުރިކަމަށް ފާހަގަކުރެއްވިފައިވަނީ "ކިއްކޯމަން" ބްރޭންޑްގެ ޓެރިޔަކީ ސޯސް އާއި "ޔޫކާ" ބްރޭންޑްގެ ކެޕަންގް ސްޓިކް ރަސާ އަންގުރު މާޝްމެލޯއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ، ކާބޯތަކެތި ވިއްކާ ތަންތަން އެ އޮތޯރިޓީން ބައްލަވައި ފާސްކުރެއްވުމުގެ ތެރޭގައި މިދެބާވަތުގެ އުފެއްދުންތަކުގެ ލޭބަލުން، އެތަކެތީގައި ބަނގުރާ އެކުލެވޭކަން  ފާހަގަކުރެވިފައިވާކަމަށެވެ.

މަނާކުރެވިފައިވާ ޕްރޮޑަކްޓްތައް ވިއްކަން ބަހައްޓާފައިވާނަމަ ލަސްނުކޮށް އެއޮތޯރިޓީގެ ނަމްބަރު 3014305 އާއި ގުޅައިގެން އެކަން އަންގަވައިދެއްވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިވަޑައިގަންނަވައެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ކާބޯތަކެތި ބޭނުންކުރައްވާއިރު އޭގައިވާ ލޭބަލް ރަނގަޅަށް ބެއްލެވުމަށްފަހު އެތަކެތި ބޭނުންކުރެއްވުމަށް އެއޮތޯރިޓީން އިލްތިމާސްކުރައްވައެވެ.