ކުޅިވަރު

ސާފް ސުޒުކީ ކަޕް 2015، ޓީވީއެމްއާ ދިވެހިރާއްޖޭގެ އަޑުން ވަގުތުން




ސާފް ސުޒުކީ ކަޕް
ދެހާސް ފަނަރަ، ޓީވީއެމްއާ ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭގޮތައް
ޕީއެސްއެމުން ހަމަޖައްސައިފިއެވެ.



ސައުތު އޭޝިއާގެ އެންމެ
ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ސުޒުކީ ކަޕް ރައްޔިތުންނަށް ޕަބްލިކް
ސަރވިސް މީޑިއާއިން ވަގުތުން ގެނެސްދޭނެ ކަމުގެ ޔަޤީންކަން ދެއްވީ ޕީއެސްއެމްގެ
މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލްއެވެ. އިންޑިއާގެ ޓްރިވެންޑްރަމްގައި މިމަހުގެ
ތޭވީހުން އަންނަ މަހުގެ ތިންވަނަ ދުވަހަށް ކުރިއަށްދާ މިމުބާރާތުގެ މެޗްތައް
ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ދުރަށް ފޮނުވުމަށް ޕީއެސްއެމުންވަނީ ނިންމަވާފައެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ ސާފް
ސުޒުކީ ކަޕަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން އެމުބާރާތަކަށް އެންމެ
އިންތިޒާރުކުރާ އެންމެ ބަލާހިތްވާ މުބާރާތަށްވާތީ މިމުބާރާތުގެ ކަވަރޭޖް ވީހާވެސް
ފުރިހަމައަށް ގެނެސްދިނުމަށް އިންޑިޔާގެ ޓްރިވެންޑްރަމްގައިވެސް ޕީއެސްއެމްގެ
ޓީމެއް ޙަރަކާތްތެރިވާނެކަމަށެވެ. އަދި މީގެ ކުރިންވެސް މިފަދަ ކޮންމެ ޙަރަކާތެއް
ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑު މެދުވެރިކޮށް ގެނެސްދީފައިވާތީ މިފަހަރުވެސް
މިމުބާރާތުގެ މަންޒަރާއި އަޑު ގެނެސްދިނުމަށް ޕީއެސްއެމުން ޚާއްސަ ސަމާލުކަމެއް
ދޭކަމަށެވެ. އަދި މެޗްތަކުގެ އިތުރު މަޢުލާމަތު ހިމެނޭގޮތަށް މުބާރާތުގެ މެޗްތަކުގެ
ޕްރީ ޝޯވ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނެކަމަށް ޚަލީލް ވިދާޅުވިއެވެ.

" ޤައުމީ
މިފަދަ ކޮންމެ ކަމެއްގައިވެސް ރައްޔިތުން ބޭނުންވެލައްވާ ގޮތަށް ވަގުތުން
މަންޒަރާއި އަޑު ގެނެސްދިނުމަށް ޕީއެސްއެމުން އަބަދުވެސް މަސައްކަތް ކުރާނެ" ޚަލީލް ވިދާޅުވިއެވެ.

މީގެ ކުރިން ސާފް ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިޔަށްދިޔަ
މިމުބާރާތް މިފަހަރު ކުރިޔަށް ގެންދަނީ ސާފް ސުޒުކީ ކަޕްގެ ނަމުގައެވެ. މިމުބާރާތުގެ
މެޗްތައް ކުޅޭނީ ރާއްޖެ ގަޑިން މެންދުރުފަހު ތިނެއް ޖަހާއިރު، އަދި އިރުއޮއްސި
ހައެއް ޖަހާއިރުއެވެ. މިމުބާރާތުގައި ރާއްޖެކުޅޭ ފުރަތަމަ މެޗްގައި މިމަހުގެ
ސައްވީސްވަނަ ދުވަހު ރާއްޖެ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެމެޗް ފެށުމަށް
ހަމަޖެހިފައިވަނީ ރާއްޖެގަޑިން އެދުވަހު ތިނެއް ޖަހާއިރުއެވެ. މުބާރާތުގެ ދެވަނަ
މެޗްގައި މިމަހުގެ ސައްބީސްވަނަ ދުވަހު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެމެޗްވެސް
ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން ތިނެއް ޖަހާއިރުއެވެ. މުބާރާތުގެ ގްރޫޕް
ސްޓޭޖް ފަހު މެޗްގައި މިމަހުގެ އަށާވީސްވަނަ ދުވަހުގެ އިރުއޮއްސި ހައެއް ޖަހާއިރު
ނިކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

މިމުބާރާތުގައި ވާދަކުރަނީ ދިވެހިރާއްޖެ،
ނޭޕާލް، އިންޑިއާ، އަފްޤާނިސްތާން، ބަންގްލަދޭޝް، ބޫޓާން އަދި ސްރީލަންކާއެވެ.
މިމުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ
އެއްތިރީސްވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ
ތިންވަނަ ދުވަހުއެވެ.