އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި އޭއެސް ރޯމާ ބައްދަލުކުރިމެޗް މިލާން ކާމިޔާބުކޮށްފިއެވެ. ރޯމާގެ ދަނޑުގައި ކުޅުނު މިމެޗް މިލާނުން ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.
މިމެޗްގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މިލާނުންނެވެ. މިލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖްރިބާކާރު ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފްރޭންކް ކެސީއެވެ. މިމެޗްގެ 66 ވަނަ މިނެޓްގައި މިލާންގެ ތިއޯ ހެނާންޑޭޒަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ކާޑާއެކު މިލާނަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް މިމެޗްގައި ރޯމާއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބު ކުރެވުނީ މެޗްގެ އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓޭފަން އަލްޝަރަވީއެވެ.
މިކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ ކުޅުނު 11 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ގޯލްގެ ތަފާތުން ދެވަނައިގައެވެ. ތާވަލްގެ އެއްވަނައިގާ އުޅެނީ ނަޕޯލީއެވެ. މިމެޗުން ބަލިވުމާއެކު ރޯމާ މިހާރު އުޅެނީ 11 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.