އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި އެސްޓަންވިލާ ބައްދަލުކުރިމެޗް ވެސްޓް ހޭމް ކާމިޔާބުކޮށް ތާވަލްގެ ހަތަރުވަނައިގާ ހަމަޖެހިލައިފިއެވެ. ވިލާގެ ދަނޑުގައި ކުޅުނު މިމެޗް ވެސްޓް ހޭމް ކާމިޔާބުކުރީ 4 ލަނޑު އެއްލަނޑުގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސްޓް ހޭމުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ހަތް ވަނަ މިނެޓްގައި ޖަހައި، ލީޑު ނެގީ ވެސްޓް ހޭމުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެން ޖޯންސަންއެވެ. ވިލާއިން ވަނީ މެޗްގެ 34 ވަނަ މިނެޓްގައި އޮލީ ވޮޓްކިންސް ޖަހައިދިން ލަނޑުން މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ވިލާއަށް އެގޮތުގައި ހިފަހައްޓާލެވޭވަރުވީ ހަތަރު މިނެޓް ވަންދެންނެވެ. ވެސްޓް ހޭމުން ވަނީ މެޗްގެ 38 ވަނަ މިނެޓްގައި ޑެކްލަން ރައިސް ޖަހައިދިން ލަނޑުން މެޗްގެ ލީޑު އަލުން ނަގާފައެވެ.
މިނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމިގެންދިޔައިރު ދެވަނަ ހާފް ފެށިގެން ފަސްވަނަ މިނެޓްގައި ވިލާގެ އެޒްރީ ކޮންސާ ވެސްޓް ހޭމްގެ ޖެރޮޑް ބޯވެންއަށް ގޯލަށް ހުސްކޮށް ވަދެވޭނެކަމަށް ފެންނަ ބޯޅައެއްގައި ފައުލް ކުރުމުން ފުރަތަމަ ރީނދޫ ކާޑު ދެއްކުމަށްފަހު ވީއޭއާރުގެ ލަފާގެ މަތިން ރެފްރީ އަލުން ބެލުމަށްފަހު ސީދާ ރަތް ކާޑަކަށް ބަދަލުކުރިއެވެ. އެއް ކުޅުންތެރިއެއް މަދުވުމާއެކު މިމެޗުން ޕޮއިންޓެއް ހޯދުމަށް ވިލާއިން ކުރަމުން ދިޔަ އުންމީދަށް އިތުރު ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް އެޓީމުންވަނީ ވެސްޓް ހޭމަށް އިތުރު ލަނޑެއް ޖެހުނަނުދީ 30 މިނެޓް ހިފަހައްޓާލާފައެވެ. މިމެޗްގައި ވެސްޓް ހޭމްގެ ތިންވަނަ ލަނޑު މެޗްގެ 80 ވަނަ މިނެތްގައި ޖަހައިދިނީ ޕަބްލޯ ފޮނާލްސްއެވެ. އަދި ފަހު ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ޖަހައިދިނީ ބޮވެންއެވެ.
މިކާމިޔާބީއާއެކު ވެސްޓް ހޭމަށް މިސީޒަންގެ ފެށުން ވެފައިވަނީ ފަހުގެ ތާރީޚެއްގައި އެކްލަބްގެ އެންމެ ކާމިޔާބު ފެށުމަށެވެ. ވެސްޓް ހޭމް މިހާރު 10 މެޗް ކުޅޭފައިވާއިރު އެޓީމް އޮތީ ވިހި ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން އަދި ތާވަލްގެ ތިންވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާއި އެއް ވަރަށް ޕޮއިންޓް ލިބި ނަމަވެސް ގޯލްގެ ތަފާތުންވެ. އަދި މިއަންނަ ހަފްތާގައި ލިވަޕޫލާއި ދެކޮޅަށް ކުޅޭމެޗުން މޮޅުވެއްޖެނަމަ ލިވަޕޫލަށްވުރެ މައްޗަށް އެރުމުގެ ފުރުސަތު ވެސްޓް ހޭމަށް ލިބޭނެއެވެ.
މިމެޗުން ބަލިވުމުން ވިލާ މިހާރު އުޅޭނީ 10 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.