ޚަބަރު

މައުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޮވަނީ


''މައުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޮވުމާއި'' ދައުލަތުގެ އިދާރާތައް ދަރަޖަކުރާނެ ގޮތުގެ އުސޫލު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކުރައްވައިފި އެވެ.މިއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުޤެ ޤާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމުގެ މަތީން އާންމުކުރަންޖެހޭ މައުލޫމާތު ވީހާވެސް ބޮޑަށް އާއްމުކުރަން ހިތްވަރު ދިނުމުގެ ގޮތުން ބަލަހައްޓަންޖެހޭ މައުލޫމާތު ބެލެހެއްޓުމަށް ހިތްވަރުދިނުމުގެ ގޮތުން ތައާރަފްކުރެއްވި އުސޫލެކެވެ. ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ، މި އުސޫލުގައިވާ ގޮތުގެ މަތިން މައުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޮވާނީ އެކަމަށް އެދި ހުށަހަޅާ އިދާރާތަކުގެ ތެރެއިން ކަމަށް ވިޔަސް، މައުލޫމާތު ހާމަކުރުމުގެ މިންވަރަށް ބަލާ ދައުލަތުގެ އިދާރާތައް ގިންތިކުރާނީ އައިކޮމްގެ އިސްނެގުމުގެ މަތީން ކަމަށާއި މިކަމަށް އެއްވެސް އިދާރާއަކުން އެދޭކަށް ނުޖެހޭނެ ކަމަށެވެ.އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ، ރަންވަނަ ޙާސިލްކުރާ އިދާރާއެއް އިއުލާނުކުރުން ފުރަތަމަ އޮންނާނީ 2016 ގައި ފާހަގަކުރާ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުޤެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޙަފްލާގައި ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވީ، ދައުލަތުގެ އިދާރާތައް ދަރަޖަކުރުމުގައި ބަލާނެ މިންގަނޑުތަކާއި، މައުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޮވުމުގައި ބަލާނެ މިންގަނޑުތަކުގެ އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާނެ ކަމަށެވެ.