ކުޅިވަރު

ބަޖެޓް 2022: ގަލޮޅު ދަނޑުގެ ތަރައްޤީއަށް 55 މިލިއަން ރުފިޔާ


ރަސްމީ ފުޓްބޯޅަ ދަނޑު (ގަލޮޅު ދަނޑު) ތަރައްގީ ކުރަން 55 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް އަންނަ އަހަރަށް ލަފާ ބަޖެޓުގައި ހިމަނައިފިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާފައިވާއިރު، އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯން އެހީގެ ތެރެއިން 2022 ވަނަ އަހަރު ގަލޮޅު ދަނޑުގެ ތަރައްގީކުރުމަށް ހިމަނާފައިވަނީ ސާޅިސް ފަސްމިލިއަން، ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ފަސް ރުފިޔާއެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ވަނީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ހިމަނާފައެވެ. އެހެންކަމުން ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ޖުމްލަ 55 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރާނެއެވެ. ފާއިތުވެގެންދިޔަ ދެ އަހަރުވެސް ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިޔާއިންވަނީ ބޮޑު ހޭދައެއް ކޮށްފައެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޮޑު މަރާމާތެއް އެންމެ ފަހުން ކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށެވެ. އެފަހަރު 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ދަނޑުގެ ރޮސްޓްރަމް މަތީގައި މީޑިއާ އާއި ވީއައިޕީ އަށް ހާއްސަކޮށް އިމާރާތެއް ހެދިއެވެ. އޭގެ ފަހުން މިދިޔަ މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ކުދިކުދި މަރާމާތުތަކެއް ދަނޑުގައި ވަނީ ކޮށްފައެވެ.

ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރަން ބަޖެޓުގައި ހިމަނާފައިވަނީ ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވަނިކޮށެވެ. ޕްލޭނިން މިނިސްޓްރީން މިކަން އަންގާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. ނަމަވެސް އެންމެ ފަހުން މާލޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވަނީ މި ދެ ސިޑިބަރި ބޭނުންކޮށްފައެވެ. ސިޑިބަރިތައް ބޭނުންކޮށްފައިވަނީ ކުދިކުދި މަރާމާތުތައް ކޮށްގެންނެވެ.

މިއަހަރު ކުޅިވަރުގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ފެށުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިސް، ބާސްކެޓް އަދި ބެޑްމިންޓަން ކޮމްޕްލެކްސްގެ އިތުރުން ބައިނަލަގްވާމީ މުބާރާތްތައް ބޭއްވޭ ވޮލީ ކޯޓެއްވެސް އެޅުމަށްވަނީ ނިންމާފައެވެ.