ޚަބަރު

ވޭތުވެދިޔަ 3 ދުވަހު 297 މީހުން ކޯވިޑަށް ޕޮޒިޓިވް، ރަނގަޅުވީ 205 މީހުން


ވޭތުވެދިޔަ 3 ދުވަހު ރާއްޖެއިން 297 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 205 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވްވި، 98 މީހުންނާއި، ހޮނިހިރު ދުވަހު ޕޮޒިޓިވްވި 53 މީހުންނާއި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 146 މީހުންނެވެ.

އެޗްޕީއޭގެ ބައެއް ސިސްޓަމްތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވޭތުވެދިޔަ 2 ދުވަހުގެ ކޯވިޑް ކޭސްތަކުގެ އަދަދުތައް ހާމަނުކުރިނަމަވެސް މިރޭ އެޗްޕީއޭއިންވަނީ މިއަދުގެ އަދަދުތަކާއެކު ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރެއިންވެސް ގިނައީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 146 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 33 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 102 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 11 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ، 87،784 އަށް އަރާފައެވެ. ރާއްޖޭގެ ކޯވިޑް ކޭސްތައް، ޚާއްސަކޮށް ރަށްރަށުން ރިޕޯޓްކުރާ ކޭސްތައް ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ. އެގޮތުން މިވަގުތު ފަރުވާ ހޯދަމުންދަނީ 1792 މީހުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން 30 މީހަކަށް މިހާރުދަނީ ފަރުވާ ދެމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 77 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 85،736 އަށް އަރާފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3214 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 243 މީހުން ރާއްޖޭގައި ވަނީ ނިޔާވެފައެވެ.