ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް-26 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލަންޑްގެ ގްލަސްގޯއަށް ވަޑައިގަންނަވައިފިއެވެ. މީގެ ކުރިން ރާއްޖޭގެ އެންމެ އިސް ވެރިޔަކު ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފައިވަނީ މީގެ 12 އަހަރު ކުރިންނެވެ.
މިދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އޮންނަ ތިމާވެށްޓާގުޅޭ ކޮޕް-26 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
2019 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން ބޭރުކުރާ މިންވަރު ނެޓް ޒީރޯ އަށް ހެދުމަށް އަމާޒު ހިފާފައިވާކަން އިޢުލާނުކޮށްފައެވެ. މިއަމާޒަށް ވާޞިލުވުމަށް ޤައުމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މިކަމުގައި ބައިނަލްއަޤުވާމީ މާލީ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަން އަންނަނީ އެކި ޕްލެޓްފޯމްތަކުގައި ހާމަކުރަމުންނެވެ.
މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގައިވެސް ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތު ކުރާނެ އެއްކަމަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ތިމާވެއްޓާ ރައްޓެހި ނިޒާމަކަށް ބަދަލުވުމަށް ނުވަތަ އެކަމަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކުރުމަށް ބޮޑެތި ޤައުމުތައް އެއްގަލަކަށް އެރުވުމެވެ. ހަމައެއާއެކު ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ޖައްވަށް ބޭރުކުރަމުންދާ ވިހަ މާއްދާތައް މަދުކުރުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތައް އެއްބަސްކުރުވުމަކީވެސް މިސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރާކަމެކެވެ.