ވިޔަފާރި

ރިއަލް އެސްޓޭޓް ޓޫރިޒަމަށް 4 ރަށެއް ދޫކޮށްގެން 231 މިލިއަން ރުފިޔާ


ރިއަލް އެސްޓޭޓް ޓޫރިޒަމަށް 4 ރަށެއް ދޫކޮށްގެން 231 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ބިން ހިއްކައިގެން މުޅިން އާ 4 ރަށެވެ. ދައުލަތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން މިރަށްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ފަންޑްސް މެނޭޖްމަންޓް ކޯޕަރޭޝަން، އެމްއެފްއެމްސީ މެދުވެރިކޮށެވެ.

އަންނަ އަހަރު، އެމްއެފްއެމްސީ މެދުވެރިކޮށް ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރުމަށް ރާވައިފައިވާ ގޮތުން މި ރަށްތައް ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުން ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނީ މި ވިޔަފާރިން އެމްއެފްއެމްސީއަށްވާ ފައިދާއިން ދައުލަތަށް ދޭ ޑިވިޑެންޑުގެ މިންވަރަކުންނެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރުމަށް އެ ކުންފުނިން ކުރަންޖެހޭ ޚަރަދުތައް ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނޭހެން ހިފެހެއްޓުމަށާއި މި މަސައްކަތުން ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، މި ވިޔަފާރި ހިނގުމުން 2022 ވަނަ އަހަރު އެ ކުންފުނިން އިންޓެރިމް ޑިވިޑެންޑް ޑިކްލެއަރކުރުމަށް ވަނީ ރޭވިފައެއެވެ. އެގޮތުން 2022 ވަނަ އަހަރު އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި 231 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމުން ދައުލަތަށް އާމްދަނީ ހޯދުން ހިމެނެނީ އާމްދަނީ އިތުރުކުރުމަށް ހުޅަހަޅާ އައު ކަންތައްތަކުގެ ތެރޭގައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

މިއަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުން ޚަރަދުކޮށްގެން ހިއްކާފައިވާ ބިން އަމިއްލަ ފަރާތްތަކަށް ވިއްކުމާއި ޕްލާސްޓިކް ކޮތަޅު ޓެކުހެއް ނަގަން ފެށުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމު ތައާރަފުކުރުމާއި ރިސޯޓު ތަރައްގީކުރުމަށް ރަށް ދޫކުރުމެވެ.