ޚަބަރު

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓެއް


އިސްލާމީ ފަތުވާދޭ އެންމެ މަތީމަޖިލީހުގެ ވެބްސައިޓް މިއަދު އިފްތިތާޙް ކޮށްފިއެވެ.

މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ދީނީ ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވެބްސައިޓެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ހޯދޭނެ އިންތިޒާމް، ވެބްސައިޓް މެދުވެރިކޮށް ހަމަޖެއްސުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގަތެވެ.

މިވެބްސައިޓުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމުކުރާ ފަތުވާތަކާއި އިސްތިޝާރީ ލަފާތަކާއި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ އެންމެފަހުގެ މަޢުލޫމާތާއި ފޮޓޯއާއި، ޝާއިޢުކޮށްފައިވާ ފޮތްތައް ހިމަނާފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ސްމާރޓް ފޯނުތަކާއި ޓެބްލެތްތަކުންނާއި ލެޕްޓޮޕާއި ކޮމްޕިޔުޓަރުންވެސް އުނދަގުލެއްނެތި ބެލޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ވެބްސައިޓްގައި، އެ އިދާރާއިން ދެމުން ގެންދާ ޚިދުމަތްތަކާގުޅޭ ޚިޔާލާއި މަޝްވަރާ އަދި އެކިއެކި ދީނީ މައްސަލަތައް ސީދާ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭ އިންތިޒާމް ހަމަޖެހިފައިވެއެވެ. މިވެބްސައިޓުގެ އެޑްރެހަކީ www.fatwamajlis.gov.mv އެވެ.

އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި އެފަރާތްތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދެއްވުމާއި، ރައްޔިތުންގެ ދީނީ ޚިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ދިރާސާކޮށް އެމަޖިލީހުގެ ފަތުވާ ޢާންމުންނަށް ލިބޭނެގޮތް ހެއްދެވުން ހިމެނެއެވެ.