ކުޅިވަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބީޗް ހޭންޑް ބޯލް ކޯޗިން ކޯހެއް ފަށައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބީޗް ހޭންޑް ބޯލް ކޯޗިން ކޯހެއް ފަށައިފިއެވެ. ހދ.ކުޅުދުއްފުށި ސިޓީގައި މިކޭންޕް ކުރިއަށްދަނީ އިއްޔެއިން ފެށިގެން އަންނަ 6 ނޮވެންބަރު މަހުގެ ނިޔަލަށެވެ. 30 ބައިވެރިންނާއެކު ކުޅުދުއްފުށީގައި ފެށި މިކޭންޕްގައި ކިޔަވައިދެނީ ޕާކިސްތާންގެ ދެ ކޯޗުންނެވެ. އެއީ ބާބަރު ސުލްތާނާއި މުޙައްމަދު ޝުހައިބާއެވެ. ޕާކިސްތާންގެ މިދެ ކޯޗުންނަނީ އެގައުމުގެ ގައުމީ ޓީމަށް ކުޅެ، ގޯލްޑް މެޑަލް އާއި ސިލްވާ މެޑަލް ހޯދާފައިވާ ދެ ކުޅުންތެރިނެވެ. އަދި ބީޗް ހޭންޑް ބޯލްގެ ތެރޭގައި މިދެ ކޯޗުން މަސައްކަތް ކުރަތާ މިހާރު 20 އަހަރު ވެއްޖެއެވެ. އަދި މުޙައްމަދު ޝުހައިބު ވަނީ 2018ވަނަ އަހަރު އޭޝިއަން ގޭމްސްގައި ޕާކިސްތާންގެ ގައުމީ ޓީމަށް ކޯޗްކޮށްދީފައެވެ.

ހޭންޑް ބޯލް މޯލްޑިވްސްއިން ބުނީ މިކޭންޕްގައި އެންމެ ބޭސިކުން ފެށިގެން ކޯޗުން އިސްކަންދޭންވީ ކަންތައްތަކުގެ ތެރެއިން ގޭންމް ޕްލޭން ހެދުމާއި، ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ގޮތުގެ މަޢުލުމާތުގެ އިތުރުން ބީޗް ހޭންޑް ބޯލް ގަވާއިދާބެހޭ މަޢުލުމާތުވެސް ދިނުމަށްހަމަޖެހިފައިވާކަމަށެވެ. އަދި ކޭންޕް ކުރިއަށްދާނީ ތިއަރީ އާއި ޢަމަލީ ބަޔާއެއްކޮށްކަމަށެވެ.

މިކޭންޕްގައި ބައިވެރިވެފައިވަނީ ހއ އަތޮޅާއި ށ.އަތޮޅުގެ ބައިވެރިންނެވެ. މިކޭންޕް ކުރިއަށްދަނީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ. އަދި ޕާކިސްތާންގެ ހޭންޑް ފެޑެރޭޝަނާއި ކުޅުދުއްފުށި ޑަބްލިއު ސްޕޯޓްސް އެކަޑަމީ، ކުޅުދުއްފުށި ސިޓީ އަދި ހޭންޑް ބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ކޭންޕެކެވެ. މިއާއެކު ހޭންޑް ބޯލް މޯލްޑިވްސްއިން މިކޭންޕް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިއުމަށް ވެދެއްވި އެއްބާރުލުމަށް ކުޅުދުއްފުށި ސިޓީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.