ޚަބަރު

މިނިމަމް ވޭޖު ތަންފީޒުކުރާއިރު، 700 އަށްވުރެ ގިނަ ވަޒީފާވެސް އުފެދިގެންދާނެ


މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭ މުސާރަ ހިމަނައިގެން އަންނަ އަހަރު ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއަށް 700 އަށްވުރެ ގިނަ މުވައްޒަފުން ނެގުމަށް ބަޖެޓުގައި ކަނޑައަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއްކުރުމަށް ހަމަޖެހިފައިވަނީ މުވައްޒަފުންނަށް ހިނގާ ޚަރަދަށެވެ.

2022 ވަނަ އަހަރު 9759.8 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ހިނގާނެކަމަށް ލަފާކުރެވޭއިރު، މިއީ ބަޖެޓުގެ 26.4 އިންސައްތައެވެ. މިއީ 2021 ވަނަ އަހަރުގެ ނިޔަލަށް މުވައްޒަފުންނަށް ޚަރަދުވާނެކަމަށް އަންދާޒާކުރާ މިންވަރަށްވުރެ 13.0 އިންސައްތަ އިތުރު އަދަދެކެވެ.

މުވައްޒަފުންނަށް ހިނގާ ޚަރަދަކީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާ ޚަރަދަކަށް ވާއިރު މީގެމައިގަނޑު ސަބަބުތަކުގެ ތެރޭގައި އައު މަގާމުތައް އުފައްދައި ދައުލަތުގެ މުވައްޒަފުން އަދަދު އިތުރުވަމުންދިއުން ފާހަގަކުރެވެއެވެ. މީގެއިތުރުން ޚިދުމަތް ދިނުމަށް މުވައްޒަފުން ބޭނުންވާ މިންވަރު އިތުރުވުމާއި މުސާރައިގެ އެކި އޮނިގަނޑުތައް ރާވައިފައި ހުންނަގޮތުން މުސާރައަށް އަންނަ ބަދަލުތަކާއި އިތުރުގަޑީގެ މަސައްކަތުގެ ޚަރަދު އިތުރުވަމުންދިއުމަކީވެސް މުވައްޒަފުންނަށް ކުރާ ޚަރަދު އިތުރުވަމުން ދާ ސަބަބެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި 700 އަށްވުރެ ގިނަ އައު މުވައްޒަފުން ނެގުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގައި 400 އައު މުދައްރިސުންނާއި 160 އެއްހާ ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހިމެނެއެވެ. މި ދެ ދާއިރާގެ މުވައްޒަފުންނަށް ކުރާ ޚަރަދަށް ބަލާއިރު ތަޢުލީމީ ދާއިރާގެ މުވައްޒަފުންނަށް 2270 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވެއެވެ. އަދި 2257 މިލިޔަން ރުފިޔާ ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މަސައްކަތްތެރިންނަށް ހައްގު އުޖޫރަ ކަށަވަރުކޮށް، ސަރުކާރު މުވައްޒަފުންގެ ތެރެއިން އެއް މަސައްކަތެއް ކުރާ ފަރާތްތަކުގެ މެދުގައި އުޖޫރައިގެ ހަމަހަމަކަން ގާއިމުކުރުމަކީ ސަރުކާރުން އިސްނަގައިގެން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތްކަމަށެވެ.

"2022 ވަނަ އަހަރުން ފެށިގެން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައި ތަންފީޒުކުރަން ވަނީ ނިންމާފައި. އަދި އެއް ފެންވަރެއްގެ، އެއް ކަހަލަ މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލުމުގެ ގޮތުން، އާ ޕޭ ފްރޭމްވާކެއް އެކުލަވާލައި، އަންނަ އަހަރުން ފެށިގެން ޕޭ ހާމަނައިޒޭޝަން މަރުހަލާތަކަކަށް ބަހާލައިގެން ތަންފީޒުކުރަން ފަށާނެ. މިގޮތުން ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރުން ފެށިގެންދާނީ ތައުލީމީ ދާއިރާއިން. މި ދެކަންތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ." އަމީރު ވިދާޅުވިއެވެ.

2022 ވަނަ އަހަރު މުވައްޒަފުންނަށް ހިނގާ ޚަރަދު އިތުރުވާނެކަމަށް ބެލެވެނީ އެ އަހަރުގެ ތެރޭގައި މިނިމަމް ވޭޖް ނުވަތަ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ތަންފީޒުކުރަން ނިންމާފައިވުމާއި ޕޭ ހާމަނައިޒޭޝަން މަސައްކަތް ތަންފީޒުކުރުން ފެށުމަށް އަހަރުތެރޭގައި ރާވައިފައިވާތީއެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ކައުންސިލުން ލަފާދީފައިވާ މުސާރައާއި ފިކްސްޑް އެލަވަންސް މަހަކަށް 7000 ރުފިޔާ ކަނޑައަޅައިފިނަމަ ސީދާގޮތެއްގައި މިނިމަމް ވޭޖް ދިނުމަށް 162.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ. މީގެ އިތުރުން މިނިމަމް ވޭޖާއެކު، މުސާރައިގެ ހަމަހަމަކަން ގެނައުމަށާއި ޕޭ ހާމަނައިޒޭޝަންގެ ދަށުން ދައުލަތުގެ އިދާރާތަކުގައި އެއް މަގާމެއްގައ ނުވަތަ އެއް ފަންތިއެއްގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ ހަމަހަމަކަން ގެނައުމުގެ މަސައްކަތް 2022 ވަނަ އަހަރުގައި ތަންފީޒުކުރަން ފެށުމަށް ރާވާފައިވެއެވެ.

މިނިމަމް ވޭޖް ތަންފީޒުކުރުމަށާއި މުސާރަތައް ހަމަހަމަކުރުމަށް 500 މިލިއަން ރުފިޔާ ވަނީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައެވެ. އަދި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރުމަށް ރާވައިފައިވަނީ އަހަރުތަކަކަށް ބަހާލައިގެންކަމުން 2023 އަދި 2024 ވަނަ އަހަރަށް ޕޭ ހާމަނައިޒޭޝަންއާއި މިނިމަމް ވޭޖް ތަންފީޒުކުރުމަށް 750 މިލިއަން ރުފިޔާ އަދި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.