ކުޅިވަރު

ޗެލްސީއިން ނިއުކާސްލް ބަލިކޮށް ލީޑު ފުޅާކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި އެޓީމްގެ ލީޑު ފުޅާކޮށްފިއެވެ. ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. ނަމަވެސް މިމެޗްގައި ނިއުކާސްލްއިންވެސް ވަނީ ހިތްވަރު ގަދަ ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗްގެ ފުރަތަމަ އެއްގަޑިއިރަށްވުރެ ގިނައިރު ނިއުކާސްލްއިން ވަނީ ޗެލްސީއަށް ލަނޑެއް ޖެހުނަނުދީ ހިފަހަށްޓާފައެވެ. މިމެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 65 ވަނަ މިނެޓްގައި ޖަހައިދިނީ ރީސް ޖޭމްސްއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހައިދިނީވެސް ޖޭމްސްއެވެ. އަދި ފަހު ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ޖޯޖީނިއޯއެވެ. މިމެޗްގައި ނިއުކާސްލްއަށް މާއެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މިއީ އެޓީމުގެ ކޯޗުކަމުގެ މަގާމުން ސްޓީވް ބްރޫސް ވަކިކުރިފަހުން ނިއުކާސްލްއިން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މިމެޗް ބަލާލުމަށް ދަނޑު ފުރެންދެން ސަޕޯޓަރުން ވެދެފައިވެއެވެ. ނަމަވެސް ކުޅިބެލުންތެރިން ބޭނުންވި ނަތީޖާއެއް މިމެޗްގައިވެސް ނިއުކާސްލްއަށް ނެރެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރު އޮތީ ކުޅުނު 10 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އުޅޭ ލިވަޕޫލް އެއްވަރުވި އިރު ތިންވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ބަލިވުމުން ޗެލްސީއަށް ވަނީ ތާވަލްގައި ތިންޕޮއިންޓުގެ ލީޑެއް ލިބިފައެވެ.