ޚަބަރު

އަންނަ އަހަރަކީ މަތީ ތައުލީމާއި، ތައުލީމަށް އެންމެ ބޮޑު ހޭދައެއްކުރާ އަހަރު


2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު، ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ ފާހަގަކޮށްލެވޭ ބަޖެޓެެކެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މީގެކުރިން މަތީ ތައުލީމާއި، ތައުލީމަށް ހޭދަނުކުރާހާ ބޮޑު މިންވަރެއް ވަނީ ހިމަނުއްވާފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ތައުލީމާއި މަތީ ތަޢުލީމުގެ ދާއިރާއަށް 4.1 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް ބޮޑުބަޖެޓެއް ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން އެންމެ ބޮޑީ މިދާއިރާއިން ޢުމުރާނީ ވަޞީލަތްތައް ޤާއިމްކުރުމަށްޓަކައި ވަނީ ބޮޑު ޢަދަދެއް ކަނޑައަޅާފައެވެ. މިގޮތުން މިފަހަރު އެންމެބޮޑު ޚަރަދެއް ކުރުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލްތައް ޢިމާރާތްކުރަމަށެވެ. މިސްކޫލްތައް ޢިމާރާތްކުރުމަށް ބަޖެޓުގައިވަނީ ޖުމުލަ 29 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. މީގެތެރޭގައި މިހާރު ޢަމަލީ މަސައްކަތް ފަށައިފައިވާ ސްކޫލަށް 9.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި އަލަށް ބިނާކުރާ 4 ސްކޫލަށް 19.6 މިލިޔަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ބަޖެޓުގައި ހުޅުމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ސީއެޗްއެސްއީ އިމާރާތުގެ ކޮންޓްރެކްޓަރ ފައިނޭންސްއަށް 5 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. އަދި މާލެގައި އިމާރާތް ކުރަމުން އަންނަ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތަށް 4.3 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ކަނޑައަޅާފައިވެއެވެ.

ބެޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަމިއްލަ ފަސްގަނޑުގައި ތިބެގެން، ފެންވަރު ރަނގަޅު ތައުލީމެއް ދިވެހި ކޮންމެ ކުއްޖަކަށްވެސް ހޯދޭނެ މަގު ފަހިކޮށްދިނުންކަމަށެވެ. އަދި އިޤުތިސާދީ ޙަރަކާތް އިތުރުވާއިރު މުސްތަގުބަލުގައި ބޭނުންވާނެ ހުނަރުވެރި، ތައުލީމީ، މަސައްކަތްތެރިން ބިނާކުރުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އަމާޒަށް ވާޞިލްވުމަށްޓަކައި 141 ރަށެއްގައި ތައުލީމީ ދާއިރާގެ 193 މަޝްރޫއެއް އަންނަ އަހަރު ހިންގުމަށް ރާވާފައިވެއެވެ. މީގެ ތެރޭގައި 26 ރަށެއްގެ ސްކޫލްތަކުގެ ޢިމާރާތާއި ވަސީލަތްތައް ތަރައްޤީކުރުމުގެ އާ މަޝްރޫއުތައް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުދިންނަށް ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު މަތިކޮށް، ޓީޗަރުން މަދުވުމުގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތަކަށް ޙައްލު ހޯދުމުގެގޮތުން، 2022ވަނަ އަހަރު 400އަށްވުރެ ގިނަ އާ ޓީޗަރުން ނެގުމަށް ނިންމާފައިވާކަމަށެވެ.

"ތައުލީމީ ދާއިރާއަށް ޢުމްރާނީ ގޮތުންނާއި، ޓީޗަރުންގެ ނިސްބަތުންނާއި، ވަސީލަތްތަކުގެ ގޮތުން މިބަޖެޓުގެ ތެރެއިން ކުރިއަށްވުރެ ފަހިވެގެންދާނެ. އަދި ހުރިހާ ކުދިންނަކީވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާ ކުދިންނަށް ހެދުމަށް މި ސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، އިތުރަށް ހަރުދަނާކޮށް މިއަންނަ އަހަރު ކުރިއަށް ގެންދެވޭނެ."މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވެސް ވަނީ މި ސަރުކާރުން ކުރިއަށްގެންދާ ހެނދުނުގެ ނާސްތާ ޕްރޮގްރާމަށް 135 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. އަދި ސްކޫލް ދަރިވަރުންނަށް ދޭ އެހީގެ ގޮތުގައި 170 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅަފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ވަނީ މަތީ ތައުލީމަށް ޖުމްލަކޮށް 949 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. މީގެ ތެރޭގައި 159 މިލިޔަން ރުފިޔާ ޚާއްސަ ކުރަނީ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމަށެވެ. އަދި އެހެނިހެން ސޮކޮލަރޝިޕްތަކަށް 208 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ސްޓޫޑެންޓް ލޯނަށް 240 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ. އަންނަ އަހަރު މަތީ ތަޢުލީމަށް ބޮޑު ބަޖެޓެއް ކަނޑައަޅާއިރު މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، މީހުން ބިނާކޮށް، ދިވެހި ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ދެކެއެވެ.