ޚަބަރު

ކުރެންދޫ ގޮނޑި އެމްޑީޕީއަށް، ވިލިނގިލި ގޮނޑި ޕީޕީއެމްއަށް!


މިއަދު ބޭއްވި ގއ. ވިލިނގިލީ އަދި ޅ. ކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އެމްޑީޕީއާއި ޕީޕީއެމްގެ ކެނޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓެކެވެ. އަދި ކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ވާދަކޮށްފައިވަނީ ޕީޕީއެމްއާއި އެމްޑީޕީގެ ކެނޑިޑޭޓެކެވެ.

މީގެތެރެއިން ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ޝަހުމާ މުހްސިންއެވެ. އޭނާއަށް 400 ވޯޓު ލިބިވަޑައިގަތްއިރު، އޭނާއާ ވާދަކުރެއްވި އަމިއްލަ ކެނޑިޑޭޓް މަރްޔަމް ރަޝީދާއަށް ލިބިވަޑައިގަތީ 333 ވޯޓެވެ. ވިލިނގިލީ ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު 2640 މީހުންނަށް ލިބިފައިވާއިރު، ވޯޓުލާފައިވަނީ 749 މީހުންނެވެ.

ކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓް އައިމިނަތު ނިޒާމާއެވެ. އޭނާއަށް 437 ވޯޓު ލިބިވަޑައިގަތްއިރު، އޭނާއާ ވާދަކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް އަޒީޒާ އަބްދުﷲއަށް ލިބިވަޑައިގަތީ 245 ވޯޓެވެ. ކުރެންދޫ ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު 1533 މީހަކަށް ލިބިފައިވާއިރު، ވޯޓުލާފައިވަނީ 692 މީހުންނެވެ.

ގއ. ވިލިނގިލީ އަދި ޅ. ކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.