ޚަބަރު

މަޙުމޫދު މަރާލީ ފައިސާގެ ބޭނުމުގައިކަން ތަޙުގީގަށް އެނގިއްޖެ


އދ. ދަނގެތީގެ ވިޔަފާރިވެރިއެއްކަމަށްވާ މަޙުމޫދު އަބޫބަކުރު މަރާލާފައިވަނީ ބިދޭސީ މީހާ އޭނާގެ އަތުން ފައިސާ ފޭރިގަންނަން އުޅުމުގެ ތެރޭގައިކަމަށް ފުލުހުންގެ ތަޙުގީގަށް ޙާމަވެއްޖެއެވެ.

އދ.ދަނގެއްޗަށް ނިސްބަތްވާ މަޙުމޫދު އަބޫބަކުރު މަރާލާ ފަޅުގެއެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އޭނާ ހަށިގަނޑަަށް ވަޅިން ޙަލަމާދީ ބޮޑެތި ޒަޙަމްތަކެއް ދީފައިވެއެވެ.

މަޙުމޫދުގެ މަރާ ގުޅިގެން، ދަނގެތީގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އޮލަމް މިއާ ނަމަކަށް ކިޔާ މީހަކަށް ޝައްކުކުރެވިގެން އޭނާ ވަނީ މިމަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. ބިދޭސީ މީހާ ފިޔަވައި އިތުރު މީހަކު މިމައްސަލައިގައި ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުުހުންގެ ތަހުޤީޤަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާއިރު ފުލުހުންގެ ޓީމެއް މިއަދު ވަނީ ދަނގެއްޗަށް ގޮސްފައެވެ. މި ޓީމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދްވެސް ހިނމެނިވަޑައިގެނަންވައެވެ. އަދި ވަނީ ރަށުގެ ކައުންސިލާއި މަޙުމޫދުގެ އާއިލާއާވެސް ބައްދަލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަގައި ފުލުހުން މިހާތަނަށް ހިންގާފައިވާ ތަޙުގީގަށް ބަލާއިރު، ސާލިމް މަޙުމޫދު މަރާލާފައިވަނީ އޭނާގެ އަތުން ފައިސާ ހޯދަން އުޅުމުގެ ތެރޭގައިކަމަށް ފުލުހުންގެ ތަޙުގީގަށް ވަނީ އެނގިފައެވެ. ނަމަވެސް މި ތަޙުގީގާ ގުޅޭގޮތުން ފުލުހުން ހަމައެކަނި ބުނެފައިވަނީ މިކަމުގައި ބިދޭސީ މީހާ ފިޔަވައި އިތުރު މީހަކު ޝާމިލުނުވާކަމަށެވެ.

މި ތަހުޤީގުގެ ތެރެއިން ފުލުހުން ވަނީ ހާދިސާ ހިނގި ސަރަޙައްދަށް ސާލިމް ގެންގޮސް، އޭނާ ކަން ކުރި ގޮތް ކުޅުވާފައެވެ. މަޙުމޫދު މަރާލާފައިވަނީ ސާލިމް ދިރިއުޅުނު ގޭގައެވެ. އަދި މަރާލުމަށްފަހު ބޮލާ ފައިކޮޅަށް ގޯންޏެއް ލުމަށްފަހު އެއްލާލާފައިވަނީ ސާލިމް ދިރިއުޅޭގެ ކައިރީ ހުރި ފަޅުގެއަކަށެވެ.

މި މައްސަލައިގައި ފުލުުން ވަނީ ގިނަ ހެކިތަކެއް ހޯދާފައެވެ. މަޢުލޫމާތު ލިބޭގޮތުގައި މަޙުމޫދުގެ ފޯނާ ވޮލެޓުފަދަ ތަކެތިވެސް ވަނީ ހޯދާފައެވެ. އަދި މަޙުމޫދަށް ޙަމަލާދިނުމަށް ބޭނުންކުރިކަމަށް ޝައްކުކުރެވޭ ތަކެތިވެސް ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.