ޚަބަރު

އައިޖީއެމްއެޗްގެ ކޫލިންގ ސިސްޓަމުން ބޭރުވާ ފެނުގެ މައްސަލަ ޙައްލުކުރަނީ


އައިޖީއެމްއެޗްގެ ހުޅަނގު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް އައިޖީއެމްއެޗާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ހޮސްޕިޓަލާ ދިމާލުން ބޭރުމަގުގައި ފެންބޮޑުވާތީ އެކަމާ ޢާއްމުންނަށް އުނދަގޫވަމުން އަންނަކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަކަމަށެވެ. އެހެންކަމުން މިގޮތަށް ފެންބޮޑުވާން މެދުވެރިވާ ސަބަބު ދެނެގަތުމަށް ބެލިބެލުމުން މިއީ އައިޖީއެމްއެޗްގެ ކޫލިންގ ޓަވަރުތަކުން ބޭރުވާ ފެންކަން ފާހަގަވެފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މިގޮތަށް އައިޖީއެމްއެޗުން މަގަށް ފެން ބޭރުވާގޮތަށް ހަމަޖައްސާފައިވަނީ ސިޓީ ކައުންސިލްގެ ހުއްދައާއެކު ނޫންކަމަށް ސިޓީ ކައުންސިލުންވަނީ ވިދާޅުވެފައެވެ. މިމައްސަލަ ޙައްލުކުރުމަށް އައިޖީއެމްއެޗާއެކު ކުރެވުނު މަޝްވަރާތަކުގައި އެހޮސްޕިޓަލުން އެމްޑަބްލިއުއެސްސީއާއެކުވެސް މަސައްކަތްކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ފެންބޮޑުވާ މައްސަލައަށް ޙައްލެއް ނުލިބޭކަމަށް ހޮސްޕިޓަލުން ހާމަކުރާކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ.

އެހެންކަމުން މިކަމަށް ޙައްލެއްގެނެސްދިނުމަށް އައިޖީއެމްއެޗުން ސިޓީ ކައުންސިލްގައި އެދިފައިވާކަމަށް އެކައުންސިލުން ވިދާޅުވިއެވެ. އަދި އައިޖީއެމްއެޗުން މިކަމަށް އެދި ހުށައަޅާފައިވަނީ މިމަސައްކަތަށް ބޭނުންވާ ތަކެތި ހޮސްޕިޓަލުން ފޯރުކޮށްދީގެން މަސައްކަތް ކުރާގޮތަށެވެ. އެހެންކަމުން މިމަސައްކަތް ނިމުމާއެކު ހޮސްޕިޓަލާ ދިމާލު ބޭރުމަގުގައި އޮންނަ ފެންގަނޑުގެ މައްސަލަ ޙައްލުވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގެ އެއްވެސް ސަރަޙައްދަކަށް ފެން ބޭރުކޮށް ޢާއްމުންނަށް އުނދަގޫވާނެހެން ޢަމަލުކުރުމަކީ އެއްވެސްގޮތަކަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި މާލެ އަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަމާންކަމާއެކު ހިތްހަމަޖެހިގެން ދިރިއުޅެވޭނެފަދަ ތަނަކަށް ހެދުމަކީ ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދޭކަންކަމުގައި ސިޓީ ކައުންސިލުން ވިދާޅުވެއެވެ.