ޚަބަރު

މާލޭގެ ކޯޓުތަކާއި ޑީޖޭއޭގެ މުވައްޒަފުންނަށް ކަސްޓަމަރ ކެއަރ ޓްރެއިނިންގ ބާއްވައިފި


މާލެ ކޯޓުތަކާއި ޑީޖޭއޭގެ ކުރީ ސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކަސްޓަމަރ ކެއަރ ޓްރެއިނިންއެއް ބާއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ، ޖުޑިޝަލް އެކެޑަމީއާ ދިރާގު ގުޅިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ޢާންމު ރައްޔިތުންނާއި މުޢާމަލާތްކޮށް ގާތުން މަސައްކަތްކުރާ މުވައްޒަފުން، ކޯޓްތަކަށް ޚިދުމަތް ހޯދަންދާ މީހުންނާއި މުއާމަލާތްކުރުމުގައި ޢަމަލުކުރާނެގޮތްތަކާއި، އަދި ޢާންމުންނަށް ޚިދުމަތް ދިނުމުގައި ބަލަހައްޓަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމާއި ގުޅޭގޮތުން މުވައްޒަފުން ތަމްރީނުކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.

މިޕްރޮގްރާމްގައި އާންމުންގެ ފަރާތުން ހުށަހަޅާ ޝަކުވާ މެނޭޖްކުރުމާއި، ލިބޭ ޚިޔާލުގެ މައްޗަށް ޚިދުމަތްދިނުން ރަނގަޅުކުރުމާއި، ފޯނުން މުޢާމަލާތު ކުރުމަގައި ގެންގުޅެންޖެހޭ އަދަބުތައްވެސް ކިޔައިދީފައިވާކަމަށާއި، މި ޕްރޮގްރާމް މެދުވެރިކޮށް މިހާރު ކޯޓުތަކުން ދެމުންދާ ޚިދުމަތް އިތުރަށް ހަރުދަނާވެ ހަލުވިކަމާއެކު އާންމުންނަށް ޚިދުމަތް ދެވިގެން ދިޔުމަކީ އަމާޒެއްކަމަށް ޑީޖޭއޭއިން ވިދާޅުވިއެވެ.

މާލޭގެ ކޯޓުތަކާއި، ޑީޖޭއޭ ހިމެނޭހެން ޖުމްލަ 44 މުވައްޒަފަކު ބައިވެރިވި މި ޕްރޮގްރާމްގައި ސެޝަންތައް ނަގައިދީފައިވަނީ ދިރާގުގެ ތަޖުރިބާލިބިފައިވާ އިސް ބައެއް ބޭފުޅުން ކަމަށް ޑީޖޭއޭއިން މައުލޫމާތުދެއްވިއެވެ.