ވިޔަފާރި

ލުނބޯ އަޅައިގެން ތައްޔާރުކޮށްފައި ހުންނަ މަސްދަޅު މިފްކޯއިން ބާޒާރަށް ނެރެނީ


ލުނބޯ އަޅައިގެން ތައްޔާރުކޮށްފައި ހުންނަ މަސްދަޅު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ދަނީ އެކުންފުނީގެ ފަސްމީރު ބްރޭންޑުގެ ތަފާތު މަސްދަޅުތައް ބާޒާރަށް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ބާޒާރަށް ނެރުނު ގިތެޔޮ މިރުސް މަސްދަޅަށް އާއްމުންގެ ބޮޑު ތަރުޙީބެއް ލިބިގެން ދިޔަކަން އެކުންފުނިން ފާހަގަކުރެއެވެ. އިތުރު އުފެއްދުންތަކެއް ބާޒާރަށް ނެރުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢިލް ފައުޒީ ވިދާޅުވީ މިހާރުވެސް 3ވަރަކަށް އުފެއްދުން ޓެސްޓުކުރުމުގެ މަރުޙަލާ ކުރިއަށްދާ ކަމަށެވެ.

" މީގެތެރެއިން ފާހަގަކޮށްލަން ބޭނުން ހޮޓްޕެކްގައި ލެމަން ހިމެނޭގޮތަށް އިތުރު ޕްރޮޑަކްޓެއް އެބަ ތައްޔާރުކުރަން، އެއަށްވެސް ވަރަށް ރަނގަޅު ކޮމެންޓު ލިބިފަހުރީ، ދާދި އަވަހަށް އެވެސް ޕްރޮމޯޓުކުރާނަން،" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ އެކުންފުނީގެ ވާދަވެރި އިތުރު ކުންފުނިތައްވެސް ހުރިއިރު، މަރކެޓިންގެ ސްޓްރެޓަޖީއަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން ބާޒާރަށް އުފެއްދުންތައް ނެރުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

" ޕްރޮޑަކްޓު ބާޒާރަށް ނެރުމުގެ ކުރިން ތިން މަސް ނުވަތަ ހަތަރު މަސް ދުވަސްވަންދެން ބަހައްޓަން، މިއީ ރަހަ ރަނގަޅު ކުރަން، މިއީވެސް ޕްލޭނެއްގެ ދަށުން ކުރެވޭ މަސައްކަތެއް،" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ އެކުންފުނިން ބާޒާރަށް އުފެއްދުންތައް ނެރުމުގެ ކުރިން ކޮލިޓީތައް ހިފެހެއްޓުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި މަސްދަޅުގެ އިތުރުން ވަޅޯމަހުގެވެސް އިތުރު އުފެއްދުންތައް ބާޒާރަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިފްކޯއިން ދަނީ ރާއްޖޭގެ ބާޒާރަށް ނެރޭ މަހުގެ އުފެއްދުންތަކުގެ އިތުރުން ރިސޯޓު، ހޮޓާތަކަށް ޚާއްސަ ތަކެތި އަދި ރާއްޖެއިން ބޭރުގެ ބާޒާރަށް ޚާއްސަކޮށްވެސް މަހުގެ އުފެއްދުންތައް ތަޢާރަފްކުރަމުންނެވެ.