ކުޅިވަރު

އެރިކްސަންއަށް މިސީޒަންގައި މިލާނަށް ނުކުޅެވޭ


އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާނަށް ކުޅޭ ޑެންމާކްގެ ތަޖްރިބާކާރު ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަންއަށް މިސީޒަންގައި އެކްލަބަށް ނުކުޅެވޭނެކަމަށް އިންޓަރމިލާނުން ހާމަކޮށްފިއެވެ. އިޓަލީވިލާތުގެ ޤަވާއިދު ބުނާގޮތުން ހިތުގެ މީހުން އެޤައުމުގައި ޕްރޮފެޝަނަލް ކުލިވަރުތަކުގައި ވާދަކުރުމަކީ މަނާކަމެކެވެ.

އެރިކްސަންއަށް ވަނީ ޔޫރޯ 2020 ގައި ފިންލަންޑާއި ޑެންމާކް ބައްދަލުކުރިމެޗް ތެރޭގައި ކުޅެން ހުއްޓާ ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓި ދިމާވި ހާދިސާގައި ވަގުތު ކޮޅަކަށް ހިތްހުއްޓިފައެވެ. އަދި އެކަމާއި ހެދި އޭނާ މިހާރު ވަނީ އޮޕަރޭޝަނެއްކޮށް ޕޭސްމޭކަރގެ ވައްތަރެއް ލައްވާފައެވެ. އެރިކްސަންގެ ހާލު މިހާރު ރަނގަޅު ނަމަވެސް އިޓަލިވިލާތުގައި އޭނާއަށް ވާދަވެރިކޮށް ކުޅުމުގެ ފުރުސަތެއް ނެތެވެ. އެހެންކަމުން އިންޓަރއިން މިހާރު ދަނީ އެރިކްސަން އެހެން ޤައުމެއްގައި ކުޅުން ކުރިއަށް ގެންދަން ބޭނުންވާކަމަށްވާނަމަ އޭނާ ދޫކޮށްލަން ތައްޔާރުވަމުންނެވެ. ނަމަވެސް މިހާރު ސުވާލަކީ އެރިކްސަންއަށް އެހެން ޤައުމެއްގައިވެސް ކުޅެން ހުއްދަ ދީފާނެތޯއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ނެދަލަންޑްސްގައި މިގޮތަށް އައިސީޑީ ލައްވާފައިވާ ކުޅުންތެރިން ކުޅެމުންދެއެވެ. މިގޮތުން އަޔެކްސް އެމްސްޓަޑަމްއަށް ކުޅޭ ޑެލީ ބްލިންޑަކީ ހިތުގެ މައްސަލައެއް ހުރިކަން އެނގިގެން އައިސީޑީ ލައްވާ ޑަޗް ލީގުގައި ގަވައިދުން ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި އޭނާ މިހާރު އެގޮތަށް ކުޅޭތާ ތިން އަހަރު ވެއްޖެކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެރިކްސަން އަދި އޭނާގެ މުސްތަގްބަލާ ބެހޭގޮތުން އެޗެއް ހާމަކޮށްފައި ނުވާތީ އޭނާ ބޭނުންވަނީ ކޮން ގޮތެއް ތޯ މިއީ ނޭނގޭ ކަމެކެވެ.