ކުޅިވަރު

އިމްއާން ގައުމީ ރެކޯޑެއް އާ ކޮށްފި


ގައުމީ ފަތާ ޓީމުގައި ހިމެނޭ ފެތުންތެރިޔާ ޢަލީ އިމްއާން ގައުމީ ރެކޯޑެއް އާ ކޮށްފިއެވެ.
އިމްއާން ގައުމީ ރެކޯޑު އާކޮށްފައިވަނީ 100 މީޓަރު ފިރިހެނުންގެ ޝޯޓް ކޯސް އިންޑިވިޖުއަލް މެޑްލޭ އިވެންޓުންނެވެ. އިމްއާނަކީ މިހާރު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ފެތުންތެރިޔާއެވެ. އިމްއާން މި ރެކޯޑް އާ ކުރީ ރަޝިއާގެ ކަޒާންގައި މިހާރު ކުރިއަށްދާ ފީނާ ސްވިމިންގް ވޯލްޑް ކަޕްގައެވެ. އިމްއާން، ރެކޯޑް އާކޮށްފައިވަނީ 01.04.93 ފަތައިގެންނެވެ. މީގެ ކުރިން 100 މީޓަރު ފިރިހެނުންގެ ޝޯޓް ކޯސް އިންޑިވިޖުއަލް މެޑްލޭގެ ރެކޯޑް އޮންނަނީ ގައުމީ ފަތާ ޓީމުގެ މުބާލް އައްޒާމް އަތުގައެވެ. މުބާލް އޭރު މި ރިކޯޑް ހަދާފައިވަނީ 2017 ވަނަ އަހަރު ބޭއްވި 5 ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި 01.10.13 އިން ނިންމައިގެންނެވެ.

މި ވަގުތު ފީނާ ސްކޮލަޝިޕެއްގެ ދަށުން ރަޝިއާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އިމްއާނަކީ ފަހަކަށް އައިސް ގައުމީ އަދި އިންޓަނޭޝަނަލް ލެވަލްގައި އެންމެ ރަނގަޅު ކުރިއެރުން ހޯދަމުން އަންނަ ފެތުންތެރިއެކެވެ. ގައުމީ ފަތާ ޓީމުގެ ބައެއް ފެތުންތެރިން މިހާރުވެސްދަނީ ގައުމުން ބޭރުގައި ތަމްރީން ފުރިހަމަ ކުރަމުންނެވެ. 100 މީޓަރު ފިރިހެނުންގެ ޝޯޓް ކޯސް އިންޑިވިޖުއަލް މެޑްލޭ އިވެންޓުން ޢަލީ އިމްއާން ގައުމީ ރެކޯޑް އާކޮށްފައިވާއިރު، އިމްއާން ވަނީ އަންނަ ޑިސެމްބަރު މަހު ޔޫއޭއީގައި ކުރިއަށްދާ ވޯލްޑް ކަޕް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ހަތަރު ފެތުންތެރިންގެ ތެރެއިން ފުރުސަތު ހޯދައިފައެވެ.