ވިޔަފާރި

އެކްސްޕޯ މޯލްޑިވްސްގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ


އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރައިގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.އަމިއްލަ އުފެއްދުންތައް ކުރިއެރުވުމަށް މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ، އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރަ ވެގެންދާނީ މީގެ ކުރިން ބޭއްވުނު އެކްސްޕޯތަކާއި ވަރަށް ތަފާތު އެކްސްޕޯއަކަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިއަހަރުގެ އެކްސްޕޯއިން ފެނިގެންދާނެ ބައެއް ބާވަތްތަކަކީ ރާއްޖޭގައި އުފައްދާފައިވާ ބާވަތްތަކެކޭ ބުނެވޭ ފެންވަރަށްވުރެ ރަނގަޅު އުފެއްދުންތަކަކަށްވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.މިނިސްޓަރ ސައީދު ވިދާޅުވީ އެކްސްޕޯގެ ތެރެއިން ގިނަ އާ އުފެއްދުންތަކެއް ފެނިގެންދާނެކަމަށެވެ. އަދި މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ވިޔަފާރިތަކަށާއި ރިސޯޓްތަކަށް ރާއްޖޭގައި އުފައްދާ މާކެޓް ކުރެވޭނެ ބާވަތްތަކާއި ބެހޭ މައުލޫމާތު ލިބިގެންދާނެކަމަށާއި މި އެކްސްޕޯގައި ބައިވެރިކޮށްފައިވާ ތަކެތި ސައުތު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރި ތަކެތި އެއްތާކުން ވިއްކުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުމްމިންގ ފެއަރގައި ބައިވެރިކުރުމަށް ނިންމަވާފައިވާކަމަށެވެ.އެކްސްޕޯ މޯލްޑިވްސް 2015ގެ މުބާރާތުގެ ބައި ކުރިއަށްދާނި ވަކި ޑިސްޕްލޭއެއްގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސްޓޯލްތައް ނެންގެވި ފަރާތްތަކަށް  ސްޓޯލްތަކުގައި ތަކެތި ވިއްކުމާއި އަދި ތަކެތި އިޝްތިހާރު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެކްސްޕޯ މޯލްޑިވްސްގެ ޗެއަރމަން އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރަ އޮންނާނީ މި މަހުގެ ބާވީހުން ފެށިގެން އަށާވީހުގެ ނިޔަލަށް ދަރުބާރުގޭގައެވެ.