ކުޅިވަރު

ސޮސިއެޑާޑް އަލުން ލަލީގާ ތާވަލްގެ އެއްވަނައަށް


ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ އަތުން 2-0 އިން މޮޅުވެ، ރެއާލް ސޮސިއެޑާޑް އަލުން ލީގުގެ އެއް ވަނަ އަށް އަރައިފިއެވެ. ސޮސިއެޑާޑް އިން ލީޑުނެގީ މެޗުގެ 53 ވަނަ މިނިޓްގަ އެވެ.

ސޮސިއެޑާޑްގެ އަދްނާން ޔަނުޒާއި ޖެހި ބޯޅައެއް ސެލްޓަގެ ކީޕަރު މަޓިއަސް ގައިގައި ޖެހިފައި ގޯލު ކުރިމައްޗަށް ހުރަސްވިއިރު، ރަނގަޅު ވަގުތުގައި އެ ތަނަށް އަރައިހުރި ސޮސިއެޑާޑްގެ ފޯވާޑް އަލެކްސަންޑަ އިސާކް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ސޮސިއެޑާޑަށް ކުރި ހޯދައިދީފައެވެ. ސެލްޓަވީގޯގެ ދަނޑުގައި ރޭގެ މެޗު ފަށައިގެން އެ ޓީމުގެ ނޮލީޓޯ އޭރިއާތެރެއިން ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން ސެލްޓަގެ ޑެނިސް ސުއަރޭޒް ފޮނުވާލި ހަމަލާ ސޮސިއެޑާޑްގެ ކީޕަރު މެޓް ރަޔާން ވަނީ ދިފާއު ކޮށްފައެވެ. ރޭގެ މެޗުގައި ސޮސެއިޑާޑްގެ ކީޕަރު ރަޔާން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ.

ސޮސިއެޑާޑް އިން ލީޑުނެގީ މެޗުގެ 53 ވަނަ މިނިޓްގައެވެ. ސޮސިއެޑާޑްގެ ފޯވާޑް އަލެކްސަންޑަ އިސާކް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ސޮސިއެޑާޑަށް ކުރިހޯދައިދީފައެވެ. މެޗުގެ 79 ވަނަ މިނިޓްގައި ސޮސިއެޑާޑްގެ ދެ ވަނަ ގޯލު ޖެހީ މިކޭލް މެރީނޯ ނެގި ކޯނަރަކުން އަރިޓްޒް އެލުސްޓޮންޑޯއެވެ.

ރޭގެ ނަތީޖާތަކަށް ފަހު ސޮސިއެޑާޑް އެއް ވަނަ އަށް އެރީ 11 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ތިން ވަނައިގައި އޮތް ސެވިއްޔާ އަދި ހަތަރެއްގައި އޮތް ރެއާލް ބެޓިސް އަށް ވަނީ 21 ޕޮއިންޓް ލިބިފައެވެ. މީގެ ތެރެއިން ރެއާލާއި ސެވިއްޔާ 10 މެޗު ކުޅުނުއިރު، ބެޓިސް ވަނީ 11 މެޗު ކުޅެފައެވެ.