ކުޅިވަރު

ބަހްރެއިން އަތުން ޒުވާން ޓީމް ބަލިވެއްޖެ


23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޓީމުން ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ. މިކޮލިފައިންގައި ރާއްޖޭގެ ޓީމުން ކުޅުނު ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ބަހްރެއިނާއެވެ. މިމެޗުން ރާއްޖޭގެ ޒުވާން ޓީމު ބަލިވެފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ. ރާއްޖެއިން މިމެޗަށް ނެރިފައިވަނީ މީގެ ތިން ދުވަސްކުރިން އިރާގާއި ދެކޮޅަށް ކުޅުނު ފުރަތަމަ އެގާރައެވެ.

ބަހްރެއިންގެ އަލް މުޙައްރައްގު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗްގެ ފުރަތަމަ ހާފްގައި އެޓީމުން ވަނީ އެއް ލަނޑު ޖަހާފައެވެ. އެޓީމުން ދެ ލަނޑު ޖަހާފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ. ބަހްރެއިނުން މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗްގެ 16ވަނަ މިނެޓްގައި އެޓީމުގެ އަދްނާން ފަވާޒެވެ. މެޗުގެ ދެވަނަ ހާފްގައި ލީޑް ފުޅާކުރުމަށް ބަހްރެއިން ޓީމަށް ލިބުނު ފުރުސަތުގެ ހުރަހަކަށްވީ ރާއްޖޭގެ ކީޕަރު ޢަލީ ނާޖިޙެވެ. ކީޕަރު ނާޖިޙުވަނީ ބަހްރެއިނަށް ލިބުނު ޕެނަލްޓީ ދިފާޢުކޮށްފައެވެ. ނަމަވެސް މެޗުގެ 55ވަނަ މިނެޓްގައި ބަހްރެއިނުންވަނީ ދެވަނަ ލަނޑު ޖަހާ ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ބޮލުން ކާމިޔާބުކޮށްދިނީ މުޙައްމަދު ގައްޔޫމެވެ. މެޗްގައި ރާއްޖޭގެ ކީޕަރު ނާޖިޙު ޕެނަލްޓީއެއް މަތަކޮށްފައިވީނަމަވެސް، ބަހްރެއިނަށް މެޗުގައި ލިބުނު ދެވަނަ ޕެނަލްޓީ އެޓީމުންވަނީ ކާމިޔާބުކޮށްފައެވެ. މެޗްގެ 70ވަނަ މިނެޓްގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އައްބާސް ފަދޭލްއެވެ.

މެޗްގެ ދެވަނަ ހާފްގައި ގޯލް ޖެހުމަށް ރާއްޖެއިން ވަރަށް މަސައްކަތް ކުރިއެވެ. ބަދަލްތަކެއް ގެނެސްގެންވެސް ރާއްޖެއަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ރާއްޖެއިން ވަނީ މީގެ ކުރިން ވެސް އޭޝިއާގެ 23 އަހަރުން ދަށުގެ ކޮލިފައިންގައި ބަހްރެއިނާ ވާދަކޮށްފައެވެ. 2015 ވަނަ އަހަރު އޮމާނުގައި ބޭއްވި ކޮލިފައިންގައި ބަހްރެއިނާ ވާދަކޮށް ރާއްޖެ ބަލިވީ 3 ލަނޑު 0 ލަނޑުންނެވެ.

މިކޮލިފައިންގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗްގައި އިރާގުއަތުން ބަލިވީ 4 ލަނޑު 0 ލަނޑުންނެވެ. މިމެޗާއެކު ރާއްޖެއަށް ކޮލިފައިން ބުރުގެ މެޗްތައް ނިމުނީއެވެ. ރާއްޖެއިން ދެން ވާދަކުރަން ހަމަޖެހިފައިއޮތް އަފްގާނިސްތާނަށް ބަހްރެއިންއަށް ނުދެވުމުން، ކޮލިފައިންގައި ރާއްޖެއަށް ކުޅެން ޖެހުނީ ދެ މެޗެވެ.