ކުޅިވަރު

ރާއްޖޭގެ އިތުރުން އޭއެފްސީ ކަޕްގައިވެސް މާޒިޔާއާއެކު ކާމިޔާބު ހޯދަން ޖެހޭ - މޯހަން


ރާއްޖޭގެ މުބާރާތްތަކުގެ އިތުރުން އޭއެފްސީ ކަޕްގައިވެސް މާޒިޔާއާއެކު ކާމިޔާބު ހޯދަންޖެހޭކަމަށް އެޓީމާ އަލަށް ހަވާލުވި ކޯޗް މުޙައްމަދު ޝިޒާން (މޯހަން) ބުނެފިއެވެ. ކުރިއަށް އޮތް ސީޒަންއަށް އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝިޔާޒްވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި މާޒިޔާއާއި ގުޅިފައެވެ.

މާޒިޔާއާއި ހަވާލްވުމަށްފަހު ކޯޗް މުޙައްމަދު ޝިޔާޒްބުނީ މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކުލަބުކަމަށާއި މިޓީމާއެކު ކާމިޔާބު ހޯދަންޖެހޭކަށެވެ. މިއީ މޯހަން ފުރަތަމަ ޑިވިޝަންގައި ކޯޗުކޮށްދޭ 7ވަނަ ކުލަބެވެ. މޯހަން ބުނީ މާޒިޔާއަކީ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކުލަބެއްކަމަށާއި މީގެ ކުރިންވެސް މާޒިޔާއިން އެކި ފަހަރުމަތިން އެޓީމުގެ ކޯޗަކަށް ވުމަށް ފުރުސަތު ލިބިފައިވާކަމަށެވެ. ނަމަވެސް ހާލަތުގެ ގޮތުން މީގެ ކުރިން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އަދި މާޒިޔާއާއި ހަވާލުވުމަށް މިއަށްވުރެއް ރަނގަޅު ފުރުސަތެއް ނުލިބޭނެކަމަށްވެސް މޯހަން ބުންޏެވެ.

"މާޒިޔާ އަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ މޮޅު ކްލަބް. އެންމެ ރަނގަޅަށް އޮގަނައިޒްކޮށް ހިނގާ ކުލަބް. އެއީ ހުރިހާ ބޭފުޅުންނަށް ވެސް އެނގޭނެ ހަގީގަތެއް. މިއީ ޗެލެންޖެއް ވަރަށް ބޮޑު. ކޮންމެ ގޮތެއް ވިޔަސް މާޒިޔާއާ އެކީގައި ކާމިޔާބު ހޯދުމަކީ ކުރަން ޖެހޭނެ ކަމެއް. ފުޓްބޯޅައިގައި މި ޗެލެންޖް ނެގުމަކީ އެންމެ މުހިންމު ކަންތައް. އެހެންވެ، ޗެލެންޖަކަށް މިކަން ވެސް ގަބޫލުކުރީ. އޭއެފްސީ ކަޕަކީ އަޅުގަނޑަށް ވެސް އާ މުބާރާތެއް. އާ ތަޖުރިބާއެއް ކުރަން ޖެހޭނީ. އެކަމަކު، ނެޝަނަލް ޓީމުގައި ލިބިފައި ހުރި ތަޖުރިބާ އާއި އިންޓަނޭޝަނަލީ ލިބިފައި ހުރި އެހެން ތަޖުރިބާގެ އަލީގައި އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް އޭއެފްސީ ކަޕްގައި މާޒިޔާ ގޮވައިގެން އެހެން ހިސާބަކަށް ދިއުމަކީ." މޯހަން ބުންޏެވެ.

މިދިޔަ ސީޒަންގައި މާޒިޔާއަށް އެންމެ ފުރަތަމަ ކޯޗުކޮށްދިނީ މުޙައްމަދު ނިޒާމެވެ. ނިޒާމާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗާ ޓީމު ހަވާލުކުރިއެވެ. ވިޑަކޮވިޗްގެ ކޮންޓްރެކްޓް ހަމަވެ، އޭނާ މާޒިޔާ ދޫކޮށް އިންޑޮނީޝިއާގެ ބޯނިއޯއާ ވަނީ ހަވާލުވެފައެވެ.