ކުޅިވަރު

މާޒިޔާގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި


ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ރާއްޖޭގެ ލީގް ޗެންޕިއަން މާޒިޔާގެ ކޯޗްކަމާއި ހަވާލުވެއްޖެއެވެ. މާޒިޔާގެ ކޯޗުގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުރި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ ކޮންޓްރެކްޓް ހަމަވެ، ޓީމު ދޫކޮށްލުމުންނެވެ. މިހާރު ވިޑަކޮވިޗް ވަނީ އިންޑޮނީޝިއާގެ ކްލަބް ބޯނިއޯއާ ގުޅިފައެވެ. މޯހަން މާޒިޔާއާއި ގުޅިފައިވާއިރު، ދާދިފަހުން މޯހަންވަނީ މިދިޔަ ސީޒަންގެ މެދު ތެރެއިން ފެށިގެން ކޯޗުކޮށްދެމުން ދިޔަ ސަސްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ. އެއް އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައި މޯހަން މާޒިޔާއާއި ގުޅިފައިވާއިރު، ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) މާޒިޔާއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ހުޅުމާލޭ އަކާސިއާ ހޮޓަލުގައިވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

ނިމިގެންދިޔަ ސީޒަންގައި މުޙައްމަދު ޝިޔާޒް އެންމެ ފުރަތަމަ ކޯޗްކޮށްދީފައިވަނީ ކުލަބް އީގަލްސްއަށެވެ. އެގޮތުން ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީޝީލް މެޗް ކާމިޔާބުކޮށް ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބުކުރިއެވެ. ނަމަވެސް ލީގު ފެށިގެން މޯހަންގެ ކޯޗުކަމުގެ ދަށުން ކުލަބް އީގަލްސްއަކަށް މާރަނގަޅު ކާމިޔާބީތަކެއް ހޯދޭގޮތެއް ނުވިއެވެ. ލީގުގެ ފުރަތަމަ ބުރަށްފަހު މޯހަން ހަވާލުވީ ސަސްއާއެވެ. އެއް އަހަރު ދުވަހަށް މާޒިޔާއާއި މޯހަން ހަވާލުވެފައިވާއިރު، އެކުލަބުގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނެއެވެ. އެޓީމާއާއެކު މޯހަންގެ ފުރަތަމަ މުބާރާތަކަށްވާނީ އަންނަ ޑިސެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެޒިޑެންޓްސް ކަޕެވެ.

މޯހަންވަނީ ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަށް ކޯޗްކޮށްދީފައެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް، ކުލަބް އީގަލްސް، ކުލަބް ވެލެންސިޔާ، އދ.މަހިބަދޫ އަދި ދ.ކުޑަހުވަދޫ ހިމެނެއެވެ. އަދި މިގެ އިތުރުން މޯހަންވަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. 2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކުރިއިރު، އެޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މޯހަންވަނީ މަސައްކަތްކޮށްފައެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައިވެސް މޯހަންވަނީ މަސައްކަތްކޮށްފައެވެ.