ޚަބަރު

4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ބޮޑުބޭބެ 20 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި


ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި އާއިލީ މީހެއް 20 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

2015 ވަނަ އަހަރު ފެންމަތިވި މި މައްސަލައާ ގުޅޭގޮތުން ދަޢުލަތުން ބުނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ކުރިން އެކި ދުވަސް މަތިން ދަފްތަރު ނަންބަރު 1816، ހަސަން ރަޝީދު އޭނާގެ އެއްބަނޑު ކޮއްކޮގެ ހަތަރު އަހަރުގެ ދަރިފުޅަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށެވެ.

އެކުއްޖާއާ މެދު ކަންހިނގާފައިވާ ގޮތް އެ ކުއްޖާގެ ދުލުން ކިޔައިދީފައިވާ މީހުންގެ ހެކިބަހާއި އަދި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓާއި ސައިކޮލޮޖީ ރިޕޯޓާއެކު އާއިލާގެ މެމްބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށައެޅުމުން އެކޯޓުންވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާ ދަށުން ކުށް ސާބިތުކުރަން ފަސް ބާވަތެއްގެ ހެކި ހުށަހަޅަން ޖެހޭއިރު، މި މައްސަލައިގައި ދައުލަތަށް އެ މިންވަރަށް ހެކި ހުށަހެޅިފައިނުވާތީ ހަސަން ރަޝީދުގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް އެކޯޓުންވަނީ ކަނޑައަޅާފައެވެ.

ދަށުކޯޓުގެ އެނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުން މައްސަލަ ބެއްލެވުމަށްފަހުވަނީ ދައުލަތުން ޙަސަން ރަޝީދުގެ މައްޗަށް އުފުލި، ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ޢާއިލާގެ މެން ބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޙަސަން ރަޝީދުގެ މައްޗަށް ސާބިތުވާކަމަށްވަނީ ކަނޑައަޅާފައެވެ.

ހައިކޯޓުގެ ޙުކުމުގައި ބުނެފައި ވަނީ މިފަދަ މައްސަލަތައް ސާބިތުކުރުމުގައި ފަސް ބާވަތުގެ ހެކި ލިބިފައި ނެތް ނަމަވެސް، ޝައްކެތް ނެތް މިންވަރަށް މައްސަލަ ޝަރީއަތަށް ސާބިތުކުރުމަށް ފުދޭނަމަ އެ ހެކީގެ މައްޗަށް ބުރަވެ މައްސަލަ ސާބިތުކުރެވޭނެ ކަމަށެވެ.

ހަސަން ރަޝީދުގެ މައްޗަށް ޢާއިލާގެ މެން ބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވުމާއި ގުޅިގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ދަށުން ޙަސަން ރަޝީދު 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށްވަނީ ކަނޑައަޅާފައެވެ.

އަދި މި މައްސަލައާ ގުޅިގެން ޙަސަން ރަޝީދު ބަންދުގައި ހޭދަކޮށްފައިވާ 04 އަހަރާއި 02 މަހާއި 04 ދުވަސް އުނިކޮށް
ޙުކުމާއި ގުޅިގެން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 15 އަހަރާއި 09 މަހާއި 26 ދުވަސް ކަމަށް ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންވަނީ ޙުކުމްކޮށްފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް، ފަނޑިޔާރު ޝުއައިބް ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.