ތިމާވެށި

ތިމާވެއްޓާއި ގުޅުންހުރި 8 ޕްރޮޖެކްޓް ހިންގުމަށް 5 މިލިއަން ރުފިޔާ


ތިމާވެށްޓާއިރަށްޓެހި، ކާބަން މަދު އިޤްތިސާދަކަށް ތައްޔާރުކުރުމުގެ ގޮތުން ހައްދުންމަތީގައި ތިމާވެއްޓާއި ރައްޓެހި ތަރައްޤީގެ 8 މަޝްރޫޢުއެއް ހިންގުމަށް ފަސްމިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ އެހީ ޔޫއެންޑީޕީން ދީފިއެވެ.

މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަން ކަމަށް ހައްލެއް ހޯދައި، ތައްޔާރު ވެގެންވާ މުޖްތަމައުތަކެއް ބިނާކުރުމުގެ ގޮތުން ލ އަތޮޅަށް އަމާޒުކޮށްގެން ސަރުކާރާއި، ޔޫއެންޑީޕީ ގުޅިގެން ހިންގާ ލެކްރެޑް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ، ލެކްރެޑުން ދޭ އެހީގެ ފުރަތަމަ ބުރުގެ ދަށުން މިހާރު ވަނީ އެކި ރަށްރަށަށް ފަސް މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ދީފައެވެ.

މިފައިސާގެ އެހީ ދީފައިވަނީ ފެނާއި، ކަރަންޓާއި، ދަނޑުވެރިކަން އަދި ކުނިނައްތާލުމާއި ގުޅޭ ޕްރޮޖެކްޓްތައް ހިންގުމަށެވެ. މި އެހީގެ ދަށުން ގަން ޑިވެލޮޕްމަންޓް ސޮސައިޓީ އަށް، ހަތަރުލައްކަ އަށްވުރެ ގިނަ ރުފިޔާ، އެރަށުގައި ދެމެހެއްޓެނިވި ގޮތަކަށް ދަނޑުވެރިކަން ކުރުމާއި، އެކަމަށް ބޭނުންވާ އެކްޝަން ޕްލޭން ތައްޔާރުކުރުމަށް ދީފައިވެއެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން ހަމަދު ސްކޫލަށް ސޯލާ އެނަރޖީ ތަޢާރަފް ކުރުމާއި، ދަރިވަރުންނާއި، މެނޭޖްމަންޓް އަދި އާއްމުރައްޔިތުންނަށް ސޯލާ އެނަރޖީ އާއި ބެހޭ މައުލޫމާތު މުއްސަނދިކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަތްލައްކަ އަށް ވުރެ ގިނަ ރުފިޔާވަނީ ދީފައެވެ.

އަދި ކުނި މެނޭޖްކުރުމަށް ރައްޔިތުން އަހުލުވެރިކުރުމާއި، ކުނި ނައްލާތުމުގެ ނިޒާމެއް ޤާއިމްކޮށް މި ނިޒާމް ދެމެހެއްޓުމަށްޓަކައި އާމްދަނީ ހޯދޭނެ ގޮތެއް ޤާއިމްކުރުމަށް ލ.މާބައިދޫ ކައުންސިލަށް  ހަތް ލައްކަ ރުފިޔާގެ އެހީ ދީފައިވެއެވެ. އަދި ބޯފެން ރައްކާ ކުރާ ނިޒާމެއް ޤާއިމްކޮށް ފެންރައްކާކުރެވޭނެ މިންވަރު އިތުރުކުރުމަށް ތިންލައްކަ ފަންސާސް ހާސް ރުފިޔާގެ އެހީއެއްވެސް އެ ކައުންސިލަށް ދީފައިވެއެވެ. މީގެ އިތުރުންވެސް މި ޕްރޮގްރާމްގެ ދަށުން ލ.ހިތަދޫ ކައުންސިލަށް ދެމެހެއްޓެނިވިގޮތަކަށް ކުނި މެނޭޖުކުރުމާއި އާމްދަނީ ލިބޭގޮތަކަށް ކުނިނައްތާލުމުގެ މަސައްކަތްކުރުމަށް ގާތްގަނޑަކަށް ހަތް ލައްކަރުފިޔާގެ އެހީ ދީފައިވެއެވެ. އަދި ލ މާމެންދޫ ކައުންސިލަށް ކުނިނައްތާލުމުގެ ނިޒާމެއް ޤާއިމްކޮށް އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ދީފައިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ލ މާވަށު ކައުންސިލަށް ފެންލިބުން ދަތިވާ ވަގުތުގައި ފެނުގެ ދަތިކަން ނައްތާލުމުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ހަ ލައްކަ ރުފިޔާ ދީފައިވެއެވެ. މީގެ އިތުރުން ލ އިސްދޫ ކައުންސިލަށް ވެސް ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމްކޮށް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމާއި ، ގަސްކާނާ ތައްޔާރުކޮށް އާމްދަނީ ހޯދާނެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ހަތް ލައްކަ ރުފިޔާ ގެ އެހީވަނީ ދީފައެވެ. ލ އަތޮޅުގައި ކުރިއަށް ދިޔަ ކްލަކައިމެޓް ފޯރަމް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ފޯރ އެންވަޔަރމަންޓް އަބުދުﷲ ޒިޔާދު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ސަރުކާރާއި ގުޅިގެން ލ އަތޮޅުގައި ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވިސްނަވާކަމަށެވެ. 

ސަރުކާރާއި ލ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމް ހިންގުމުގައި ސަރުކާރުގެ ވަރަށް ގިނަ މިނިސްޓްރީތަކާއި އދ. ގެ ވަރަށް ގިނަ ޖަމިއްޔާތަކުން ބައިވެރިވެއެވެ. މިއީ ޑެންމާކް ސަރުކާރުގެ ފަރާތުން ދިން ހަތް މިލިއަންޑޮލަރުގެ ހިލޭ އެހީގައި ހިންގާ ޕްރޮގްރާމެކެވެ.