ޚަބަރު

ރައީސްގެ ދެކަނބަލުން ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްގެންދާ "އެކްސްޕޯ 2020" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ "އެކްސްޕޯ 2020" ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ. އަދި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައިވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ވަޑައިގެންނެވީ ދިވެހިރާއްޖެއަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މާދަމާ ދުބާއީއިން ސީދާ ވަޑައިގަންނަވާނީ ސްކޮޓްލޭންޑަށެވެ. އެއީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަދި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

އެކްސްޕޯ 2020 އަކީ މުޅި ދުނިޔެއަށް އަމާޒުކޮށް ކޮންމެ ފަސް އަހަރަކުން ބާއްވާ އިވެންޓެކެވެ. މި އިވެންޓް މިފަހަރު ކުރިއަށްގެންދަނީ 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 އަށް ދުބާއީގައެވެ. މި އެކްސްޕޯ ކުރިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 އޮކްޓޫބަރު 2020 އިން 10 އެޕްރީލް 2021 އަށެވެ. އެހެންނަމަވެސް ކޯވިޑް-19 ޕެންޑެމިކްގެ ސަބަބުން މި އެކްސްޕޯ ކުރިއަށްގެންދިއުން ލަސްކުރެވުނީއެވެ. މި ފަހަރު މި ބާއްވާ އެކްސްޕޯ 2020 ދުބާއީ ގެ ޝިއާރަކީ "ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ" އެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި މުޅި ދުނިޔެއިން 192 ޤައުމު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.