ކަރަބާއޮ ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލުން ލިވަޕޫލް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލުން ލިވަޕޫލް ޖާގަހޯދީ ޕްރެސްޓަން ނޯތު އެންޑް އާއި ބައްދަލުކުރިމެޗް 2 ލަނޑު ސުންލަނޑުން ކާމިޔާބުކޮށްގެންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލެވެ. ނަމަވެސް ޕްރެސްޓަނުން ވަނީ މިމެޗްގައި ހިތްވަރު ގަދަ ކުޅުމެއް ދައްކާ މެޗްގެ ފުރަތަމަ ގަޑިއެއްހާއިރު ލިވަޕޫލަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލާފައެވެ. މިމެޗްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗްގެ 62ވަނަ މިނެޓްގައި ޖަހައިދިނީ ޓަކުމީ މިނަމީނޯއެވެ. އަދި ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހައިދިނީ ޑިވޮކް އޮރީގީއެވެ. މިމެޗްގައި ޕްރެސްޓަންއަށް ވެސް ލަނޑު ޖަހަނެ ރަނގަޅު ފުރުސަތު ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިމެޗްގައި އޭނާގެ ޓީމަށް އެންމެ ރަނގަޅު ކުޅުން ދެއްކިފައިނުވާކަމަށެވެ. މިގޮތުން މެޗް ރަނގަޅަށް ފެށި ނަމަވެސް ވަކިހިސާބަކުން ޓީމުގެ މިސްރާބު ގެއްލިގެންދިޔަ ކަމަށެވެ. ޓީމެއްގެ ގޮތުގައި މިއަށްވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށާއި ނަމަވެސް އަމިއްލަ ހުނަރަށް ބަލާއިރު ބައެއް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެންމެ މުހިންމީ ދެވަނަ ބުރުން ޖާގަހޯދުން ކަމަށާއި އެކަން ކާމިޔާބުވެއްޖެކަމަށެވެ. ކުއާޓަރ ފައިނަލްގައި ލިވަޕޫލް ވާދަކުރާ ޓީމެއް އެނގޭނީ ހޮނިހިރު ދުވަހު ބާއްވާ ގުރުއަތުލުމަށް ފަހުއެވެ.