ކުޅިވަރު

ސިޓީ ބަލިކޮށް ކަރަބާއޮ ކަޕްގެ ކުއާޓަރ ފައިނަލަށް ވެސްޓް ހަމް


ވޭދުވެދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބަލިކޮށް ކަރަބާއޮ ކަޕްގެ ކުއާޓަރ ފައިނަލުން ވެސްޓް ހަމް ޔުނައިޓެޑް ޖާގަހޯދައިފިއެވެ. ވެސްޓް ހަމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ޕެނަލްޓި ޖަހައިގެން ފަސް ލަނޑު 3 ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިން. ނަމަވެސް އެޓީމުން އުފެއްދި އެއްވެސް ހަމަލާއެއް ކާމިޔާބު ވާގޮތެއް ނުވިއެވެ. މިމެޗްގައި ވެސްޓް ހަމްގެ ކީޕަރ އަލްފަންސޭ އަރިއޯލާވަނީ މޮޅު ކުޅުމެއް ދައްކާ ސިޓީގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ. މިއީ 2016 ވަނަ އަހަރަށްފަހު މިމުބަރާތުން ސިޓީ ބަލިވި ފުރަތަމަ ފަހަރެވެ. މިމެޗްގެ ފުރިހަމަ ވަގުތުގައި ވެސްޓް ހަމުންވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަނަވަސްކޮށްފައެވެ. ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން އެޓީމަށްވެސް ހިފޭގޮތް ނުވިއެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ވެސްޓް ހަމްގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު ސިޓީގެ ފުރަތަމަ ޕެނަލްޓީ ފިލް ފޯޑަން އަތުން ދިޔައީ ބޭރަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ޓީމަށް ކާމިޔާބު ހަތަރު އަހަރު ކުރިއަށް ދެވިއްޖެ ކަމަށާއި ރޭގެމެޗްގައި ޕެނަލްޓީގައި ވެސްޓް ހަމް ރަނގަޅުވީ ކަމަށެވެ. އަދި މިއަންނަ އަހަރު އަނެއްކާ ސިޓީ އެނބުރި އަންނާނެ ކަމަށް އޭނާ ބުންޏެވެ.

މިކާމިޔާބީއާއެކު ވެސްޓް ހަމަށް މިސީޒަންގެ ފެށުން މިވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ޕްރިމިއަރ ލީގުގައި އެޓީމު އޮތީ ހަތަރު ވަނައިގައެވެ. އަދި ޔުއޭފާ ޔޫރޮޕާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސްވަނީ މޮޅުވެފައެވެ.