ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާގެ ކޯޗް ކަމުން ރޮނާލްޑް ކޫމަން ވަކިކޮށްފިއެވެ. ބާރސާގެ ކޯޗް ކަމުން ކޫމަން ވަކިކޮސްފައިމިވަނީ ލަލީގާގައި ރަޕޯ ވަޔެކާނޯ އާއި ބައްދަލުކުރި މެޗުން ބަލިވުމާއެކުއެވެ.
ބާރސާއިން ނެރުނު ބަޔާނެއްގައި ބުނާގޮތުން ކްލަބްގެ ރައީސް ޙުއާން ލަޕޯޓާވަނީ ވަޔެކާނޯ މެޗުން ބަލިވުމާއެކު ކޫމަން އަށް ކްލަބްގެ ނިންމުން އަންގާފައެވެ. އަދި ކޫމަން ކްލަބްގެ ކުޅުންތެރިންނާއި މިރޭގެ ވަގުތެއްގައި ވަދާއީ ބައްދަލުވުން ބާއްވާނެކަމަށްވެސް އެބަޔާނުގައިވެއެވެ. މިފަހަރުގެ ސީޒަންގައި ބާރސާއަށް އަދި މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. މިގޮތުން މިހާތަނަށް ކުޅުނު 10 މެޗުގައި ލިބިފައިވަނީ 15 ޕޮއިންޓެވެ. އަދި މިވަގުތު އޮތީ ތާވަލްގެ 9 ވަނައިގައެވެ. ވަޔެކޯނޯ އާއި ކުޅެ ރޭ ބަލިވި މެޗާއެކު ބާރސާ މިހާރުވަނީ އެޓީމް އެންމެފަހުން ކުޅުނު ހަތަރު މެޗްގެ ތެރެއިން ތިން މެޗުން ބަލިވެފައެވެ. މީގެތެރޭގައި ރެއާލް އާއި ކުޅެ ބަލިވި މެޗްވެސް ހިމެނެއެވެ. މީގެއިތުރުން މިސީޒަންގައި ކޫމަންއަށް މަސައްކަތް ކުރަން ޖެހިފައިވީ ވަރަށް ގިނަ ގޮންޖެހުންތަކާއެކުއެވެ. މިގޮތުން ކްލަބަށް ދިމާވެފައިވި މާލީ ދަތިކަމުގެ ސަބަބުން ކްލަބްގެ އެންމެ މުހިންމު ކުޅުންތެރިޔާ ލިއޮނެލް މެސީ ދޫކޮށްލަން ޖެހުމުގެ އިތުރުން އެއްވެސް ކުޅުންތެރިއެއް ގަނެވޭގޮތެއް ނުވިއެވެ.
މިފަހަރުގެ ސީޒަނަށް ބާސެލޯނާއާއި އަލަށް ގުޅުނު ކުޅުންތެރިން ކުޅެފައިވަނީ ފްރީ ޓްރަންސްފަރގެ ދަށުންނެވެ. ރޭގެ މެޗުން ބާރސާ ބަލިވެފައިވަނީ މެޗްގެ 30 ވަނަ މިނެޓްގައި ރަޑަމެލް ފަލްކާއޯ ޖަހައިދިން ލަނޑުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ކޫމަންވެސް އެއްބަސްވި ގޮތުގައި ކްލަބް މިވަގުތު އޮތީ ރަނގަޅު ހިސާބެއްގައި ނޫންކަމަށެވެ. އަދި ޓީމްގެ ބެލެންސް ގެއްލިފައިވާކަމަށް އޭނާ ހާމަކުރިއެވެ. ވޭތުވެދިޔަ ދެތިން އަހަރު އެހެން ކްލަބްތަކުން އެޓީމުތައް ވަރުގަދަ ކުރި ނަމަވެސް ބާރސާއަށް އެކަން ކުރެވިފައިނުވާކަމަށްވެސް އޭނާ ބުންޏެވެ.
މައުލޫމާތުލިބޭގޮތުގައި ބާރސާގެ ކޯޗް ކަމާއި ހަވާލުވުން އެންމެ ގާތް އެކަކަކީ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިން އަދި ކެޕްޓަން ޒާވީއެވެ.