ޚަބަރު

މިސްކިތަށް ކުޑަކަމުދިޔަ މީހާއަށް ދަޢުވާކުރަން ފޮނުވައިފި


މިސްކިތަށް ކުޑަކަމުދިޔަ މީހާއަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެއީ ޢުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އެމީހާވަނީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބަޔާއި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުގޮސްފަވެއެވެ. މިމަހުގެ 3ވަނަ ދުވަހު ހިނގި މި ޙާދިސާއާ ގުޅިގެން އެމީހާވަނީ، ހަމަ އެދުވަހު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. އަދި މައްސަލަ ބެލުމަށް ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ޖެހިއެވެ. ފަހުންވަނީ އިތުރު 10 ދުވަސްވެސް ޖަހާފައެވެ.

މި މައްސަލައިގެ ތަހުޤީގު ނިންމައި ދަޢުވާކޮށްދިނުމަށްއެދި، މިމަހުގެ 24ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން މިއަދުވަނީ ވިދާޅުވެފައެވެ. 40 އަހަރުގެ ފިރިހެން މީހާ، މި ހަފްތާގެ ހޯމަ ދުވަހު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިސްކިތާއި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން މީގެކުރިން ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީގައި ވާހަކަދައްކަވަމުން، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވަނީ އެނާއަކީ މަސްތިވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއްކަމަށް ވިދާޅުވެފައެވެ.