ތަޢުލީމު

2016ގައި އިތުރު ސްކޫލް ތަކެއްގައި އަރަބި ބަސް ކިޔަވައިދޭން ފަށަނީ


ކުރިއަށް އޮތް ދިރާސީ އަހަރު އިތުރު ސްކޫލްތަކެއްގައި ޢަރަބި ބަސް ކިޔަވައިދެއްވަން ފަށްޓަވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.އައު ސްކޫލްތަކެއްގައި ޢަރަބި ބަސް އުނގަންނައިދެއްވަން ފެއްޓެވުމުގެ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރިޔަށްދަނީ މުދައްރިސުން ތަމްރީނުކުރުމާއި، ވަޞީލަތްތައް ހޯއްދެވުމުގެ މަސައްކަތްކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ.ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ޢަރަބި ތަޢުލީމު، ޚާއްޞަކޮށް ޢަރަބިބަސް ކިޔަވައިދެއްވުން ޢާންމުކުރެއްވުމަކީ ސަރުކާރުގެ މުހިންމު ޢަމާޒެކެވެ. މިމަސައްކަތް ސަރުކާރުގެ ފަރާތުން ރަސްމީކޮށް ފެއްޓެވީ ދެހާސް ސާދަވަނަ އަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައެވެ.2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ތެރޭގައި މި މަސައްކަތުގެ ދަށުން 48 ސްކޫލެއްގައި ވަނީ ޢަރަބިބަސް ކިޔަވައިދެއްވަން ފަށްޓަވާފައެވެ. ޢަރަބިބަސް ކިޔަވައިދެއްވަނީ، ގްރޭޑް އެކެއް، ދޭއް، އަދި ތިނެއްގެ ދަރިވަރުންނަށެވެ.ދިވެހިންނަކީ މުސްލިމުންނަށްވެފައި، މުސްލިމުންނަށް ޢަރަބި ބަސް އެނގުމާއި ޢަރަބި ބަހުން ލިޔަން ކިޔަން އެނގުމަކީ، މުހިންމު ކަމެކެވެ. ދިވެހިރާއްޖޭގައި ޢަރަބިބަސް ފުޅާދާއިރާއެއްގައި ކިޔަވައިދޭން ފެށީފައިވަނީ، ޢަރަބި މީޑިއަމަށް ކިޔަވައިދެއްވަން ފެއްޓެވުމުންނެވެ. މިކަން ފެށިގެން ދިޔައީ މީގެ 36 އަހަރު ކުރިން 1400 ވަނަ އަހަރު މަޢުހަދުއްދިރާސާޠިލް އިސްލާމިއްޔާ އުފައްދަވައި ހިންގަވަން ފެއްޓެވުމުންނެވެ. އެތަނުގައި ޢަރަބި މީޑިއަމަށް ކިޔަވައިދެއްވުމުގެ އިތުރަށް އެކި ޢުމުރުގެ ކުދިންނާއި މީހުންނަށް ޢަރަބިސް ކިޔަވައިދެއްވަމުން ގެންދެވިއެވެ. އެ މުއައްސަސާގެ ނަމާއި ކިޔަވައިދެއްވާ ފެންވަރު މަތިވެގެން ދިއުމާއެކުވެސް މި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ.ރާއްޖޭގައި ޢަރަބިބަސް ކިޔަވައިދެއްވުން ފުޅާކުރެއްވުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ގޮންޖެހުންތަކަކާއެކުގައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވާ ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ޓީޗަރުން ހޯއްދެވުމުގެ ދަތިކަންކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރެއްވުމަށް ޢަރަބި ބަސް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް ޔުނިވަރިސިޓީ އޮފް މޯލްޑިވްސް ގުޅިވަޑައިގެން މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ނަޒީރު ވިދާޅުވިއެވެ. މި ގޮތުން، ޢަރަބި ބަސް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރުމަށް ޑިޕްލޮމާ އަދި ޑިގްރީ ޕްރޮގްރާމެއް ފައްޓަވާފައިވާކަމަށާއި މި ޕްރޮގްރާމްގެ ދަށުން ސާޅީހަކަށް މުދައްރިސުން ތަމްރީނުކުރައްވަމުން ގެންދަވާކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާގެ އަލް-އަޒްހަރު ޔުނިވަރސިޓީ އާއި، އެކުވެރި ޢަރަބި ޤައުމުތަކާ ގުޅިވަޑައިގެން ޢަރަބި ބަސް ކިޔަވައިދޭ މުދައްރިސުން އެ ޤައުމުތަކުން ހޯއްދެވުމަށް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި، އިތުރު ސްކޫލްތަކެއްގައި އައު ދިރާސީ އަހަރާއި އެކު ޢަރަބި ބަސް ކިޔަވައިދޭން ފެށޭނެކަމަށްވެސް ޑރ. ނަޒީރު ވިދާޅުވިއެވެ. ޑރ. ނަޒީރު ވިދާޅުވީ، ޢަރަބި ބަސް ކިޔަވައިދެއްވުމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީއިން ބާރުއަޅުއްވަނީ ޑިޕްލޮމާ ފެންވަރު މުދައްރިސުންކަމަށެވެ. ޢަރަބި ބަސް ކިޔަވައިދެއްވުމަށް ބޭނުންކުރާ ވަޞީލަތްތަކުގެ ތެރެއިން 40،000 ފޮތް ސަޢޫދީ ސަރުކާރުން ދީފައިވާ ކަމަށާއި، އެ ފޮތްތައް މިހާރު މާލެ ގެންނަވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ޖުމްލަ 212 ސްކޫލެއްގައި ކިޔަވައިދެއްވަމުން ގެންދަވާރު، ސްކޫލްތަކުގައި ޢަރަބި މީޑިޔަމަށް ކިޔަވައިދެއްވަން ފެއްޓެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ދެކުނުން، އައްޑޫ ސިޓީގެ ހިތަދޫގެ ސްކޫލެއްގައި މިހާރު ވަނީ ޢަރަބި މީޑިޔަމަށް ކިޔަވައިދެއްވަން ފަށްޓަވާފައެވެ. އަދި، އުތުރުން ހ.ދ. ކުޅުދުއްފުށީ ސްކޫލެއްގައި އަންނަ އަހަރުގެ ދިރާސީ އައު އަހަރާއެކު ޢަރަބި މީޑިޔަމަށް ކިޔަވައިދޭ ފަށްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. ރާއްޖޭގެ ސްކޫލްތަކުގައި ޢަރަބި ބަސް ކިޔަވައިދެއްވުމާއި، އިސްލާމީ ތަޢުލީމް ޢާންމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދެކެވެ.