2011 ވަނަ ސޫރިޔާގައި ފެށި ހަނގުރާމައަށް ސުލްޙަވެރި ސިޔާސީ ޙައްލެއް ހޯދުމުގެ ނަމުގައި ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ގިނަ މަސައްކަތަކެއްކޮށްފައެވެ.މި ގޮތުން އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ޙާއްސަ ބައްދަލުވުންތައް މިކަމުގައި ބައްވާ، ސޫރިޔާގެ ހަނގުރާމައަށް ހާއްސަ ސަމިޓްތަކާ މަޝްވަރާތައް ވެސް ވަނީ ބާއްވާފައެވެ.އެހެން ނަމަވެސް މިހާތަނަށް އައިއިރު މި ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ލިބިދާނެ ކަމުގެ އެއްވެސް އަލި މަގެއް ފެނިފައެއް ނުވެއެވެ. ނަމަވެސް، މިއަދު މިވަނީ މިކަމުގައި ކޮންމެވެސް ވަރެއްގެ އަލި މަގެއް ފެނިފައެއެވެ.ސޫރިޔާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބާރު އަޅާ ސުލްޙައިގެ މަގު ޗާޓެށް އެކުލަވާލުމަށް ގޮވާލާ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތުން މިވަނީ ޤަރާރުގެ ދެލިކޮޕީއެއް ފާސްކޮށްފައެވެ. މިއީ ސޫރިޔާގެ ހަނގުރާމަ ފެށިފަހުން، އެ ޤައުމުގެ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް ގޮވާލާ އ.ދ.ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރި ފުރަތަމަ ފަހަރެއެވެ. މި ޤަރާރުގެ ދެލިކޮޕީ ގޮވާލަނީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލަން ގޮވާލާފައެވެ. އަދި މި ހަނގުރާމައަށް ސިޔާސީ ޙައްލެއް ހޯދުމުގެ ނިޔަތުގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމަށް، މި މައްސަލައިގައި ޝާމިލްވާ ހުރިހާ ފަރާތަކަށް ގޮވާލާފައެވެ. މީގެ ތެރޭގައި ސޫރިޔާގައި މިހާރު ތިބި ޓެރަރިސްޓް ޖަމާޢަތްތައް އ.ދ.ން ހިމަނާފައެއް ނުވޭ. މީގެ އިތުރުން ޓެރަރިސްޓް ޖަމާޢަތްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ބާރުތަކުން ދޭ ހަމަލާތައް ކުރިއަށް ގެންދިއުމަށް ވެސް މި ޤަރާރުގެ ދެލިކޮޕީ ގޮވާލާއެވެ. އަދި ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ސޫރިޔާގައި އ.ދ.ގެ ބެލުމުގެ ދަށުން މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ވެސް ގޮވާލާއެވެ. ހަމައެއާއެކު، ސޫރިޔާގައި އިންތިޤާލީ ސަރުކާރެއް ޤާއިމުކުރަން ޖެހޭނީ ސޫރިޔާއިން އިސްވެ އޮވެގެން ކަމަށް ވެސް އ.ދ.ގެ ޤަރާރުގެ ދެލިކޮޕީގައިވެއެެވެ. މި ދެލިކޮޕީއާ ބެހޭ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ، އ.ދ.ގެ މި ޕްލޭންގެ ސަބަބުން ސޫރިޔާގެ ރައްޔިތުންނަށް ހަނގުރާމަ ކުރިއަށް ގެންދިއުން ނުވަތަ ސުލްޙަ ޤާއިމުކުރުމުގެ އިޙްތިޔާރު ލިބިގެންދާ ކަމަށެވެ. އަދި އ.ދ.ގެ ޤަރާރުގެ ދަށުން ސޫރިޔާގައި ޤާއިމުކުރާ އިންތިޤާލީ ގުޅިފައިވާ ސަރުކާރާ ބެހޭ ނިންމުންތަކެއް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ވެސް ކެރީ ވިދާޅުވިއެވެ.ސޫރިޔާއަށް ސުލްޙަ ގެނައުމަށް ހާއްޞަ މަގު ޗާޓެއް އެކުލަވާލުމަށް ގޮވާލާ އ.ދ.ގެ މި ޤަރާރުގެ ދެލިކޮޕީއަކީ ދުނިޔޭގެ ބާރުތަކުގެ މެދުގައި ގިނަ މަޝްވަރާތަކެއް ބާއްވާ އެކުލަވާލާފައިވާ ޤަރާރެކެވެ. ހާއްސަ ގޮތެއްގައި ސޫރިޔާގެ މައްސަލައިގައި މިހާތަނަށް ދެބަސްވެފައިވާ އެމެރިކާއާ ރަޝިޔާގެ ޚާރިޖީ ވަޒީރުންނާ ދެމެދު މި ކަމުގައި ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ބާއްވާފައެވެ. އެހެން ނަމަވެސް، ސޫރިޔާގެ މައްސަލައިގައި ހުޅަނގާ ރަޝިޔާއާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދޭ މައިގަނޑު އެއް މައްސަލަ ކަމަށްވާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ސަރުކާރަށް، އިންތިޤާލީ ސަރުކާރުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއިމެދު އދގެ ޤަރާރުގެ ދެލިކޮޕީގައި އިޝާރާތް ކޮށްފައެއް ނުވެއެވެ.މިކަމުގެ ސަބަބުން ޤަރާރުގެ ދަށުން ފިޔަވަޅުތައް އެޅުމުގައި އިތުރު ހުރަސްތައް ކުރިމަތިވުމަކީ އެކަށިގެންވާ ކަމެއް ކަމަށް މުރާސިލުން ދެކެއެވެ.