ޚަބަރު

ފިލިޕީންސް މީހާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި


އައިޖީއެމްއެޗްގައި މަސައްކަތްކުރި ބިދޭސީ ނަރުހެއްގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުުހުން ވިދާޅުވީ ޕިލިޕީންސްއަށް ނިސްބަތްވާ އަންހެން މީހާގެ މަރުގެ މައްސަލައިގައި، އުމުރުން 29 އަހަރުގެ ފިލިޕީންސް ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށްޓަަކައި އަންހެން މީހާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ މަރުވި މީހާގެ ފިރިމީހާއެވެ.

ފިލިޕީންސްގެ އަންހެން މީހާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި މިވަނީ އޮކްޓޯބަރު 19 ވަނަ ދުވަހު ހިނގި އެ ހާދިސާގައި، އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެކަންކަން ބަލަމުންދަނިކޮށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕިލިޕީންސްއަށް ނިސްބަތްވާ އަންހެން މީހާ އަދި އޭނާގެ ފިރިމީހާވެސް މަސައްކަތްކުރަމުންދިޔައީ ނަރުހުންގެ ގޮތުގައި އައިޖީއެމްއެޗްގެ އެއް ޑިޕަރޓްމަންޓެއްގައެވެ. އެ ދެ މީހުން ދަރިއަކުވެސް ހުރެއެވެ.

އޭނާ މަރުވެފައިވާކަމަށް ބުނެ އެމަޖެންސީގައި ހޮސްޕިޓަލަށް ގެނައީ އޭނާގެ ފިރިމީހާއެވެ. މަރުވީކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެނައީ، ޑިއުޓީގައި އުޅުމަށްފަހު ބްރޭކަށް ގެއަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްފަހުން، އޭނާ މަރުވެއްޖެކަމަށްބުނެ އައިޖީއެމް ހޮސްޕިޓަލްގައި މަސައްކަތްކުރާ އޭނާގެ ފިރިމީހާ އެމްބިއުލާންސް ފޮނުވަން ގުޅުމުންނެވެ.

ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާ މަރެވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ. މަންޒަރު ދުށް ބައެއް މިހުން ބުނިގޮތުގައި ނަރުސްމީހާ މަރުވެފައިވާކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި ވަގުތު އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފް ކަންތައްތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން އޭނާ ނޭވާ ހާސްވެގެން ކުއްލިއަކަށް މަރުވީކަމަށާއި، އަދި ދަންޖެހިގެން އޭނާ މަރުވީކަމަށް އަނެއްބައި ފަހަރު އޭނާގެ ފިރިމީހާ ބުނަމުންދިޔަކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

އެމީހުން ބުނިގޮތުގައި އޭނާގެ ކަރުގައި ކޮންމެވެސް ކަހަލަ ނިޝާންތަކެއް ހުއްޓެވެ. ނަމަވެސް އެއީ ކަރުގައި ވާ/ފޮތި އައްސައިގެން ދަންޖެހިފައިވާ ނިޝާންތަކަކަށްވުރެ ބޮޑަށް ޝައްކު ކުރެވެނީ، މީހާ ހާސްކޮށްލަން މަސައްކަތްކޮށްފައިވާ އިނގިލީގެ ނިޝާންތަކެއްގެ ގޮތުގައިކަމަށް މަންޒަރު ފެނުނު މީހުން ބުނެފައިވެއެވެ.