ޚަބަރު

ފިނީގައި ވެކްސިން ރައްކާކޮށްފައި ބެހެއްޓޭނެ ވަސީލަތްތައް ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފި


ރާއްޖޭގައި ވެކްސިން ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިންތިޒާމް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ކޯލްޑް ޗެއިން އިކުއިޕްމަންޓް ރާއްޖެއަށް ހަދިޔާކޮށްފިއެވެ. މި އެހީ ރާއްޖެއާ ހަވާލުކޮށްފައިވަނީ ޔުނިސެފް މެދުވެރިކޮށެވެ. މި އެހީގެ އަގު 950،000 (ނުވަ ސަތޭކަ ފަންސާސް ހާސް) ޑޮލަރަށް އަރައެވެ.

ކޯލްޑް ޗެއިން އިކުއިޕްމަންޓް މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކޮށްދެއްވީ ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް މަރްޖާން މުންތަޒިމީ އާއި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް ކެއިކޯ ޔަނާއީ އެވެ. މި ތަކެއްޗާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމްއެވެ.

ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުން ހަވާލުކުރި މިތަކެތީގެ ތެރޭގައި ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ "ފްރީޒް ފްރީ ވެކްސިން ކެރިއަރސް" އަދި ކޯލްޑް ޗެއިން ސްޓޯރޭޖް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ފްރީޒަރ، ފިނިހޫނުމިން ވަޒަންކުރާ އާލާތްތައް، އިންފޮމޭޝަން ޓެކްނޮލޮޖީ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީ.ޕީ.އީ) ހިމެނެއެވެ.

ޙަވާލްކުރި މިތަކެއްޗާއެކު، ޖުމްލަ 950،000.00 އެމެރިކާ ޑޮލަރުގެ އެހީ މިޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބޭނެއެވެ.

އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ މުޅި ކޯވިޑް ޙާލަތުގައިވެސް ޖަޕާނުން ރާއްޖެއަށް އެތައް ގޮތަކުން އެހީތެރިކަން ދީފައިވާނެކަމަށެވެ. ޚާއްސަކޮށް ކޯވިޑްގެ ޙާލަތާއެކު، ސިއްޙީ ދާއިރާގައި އިތުރަށް ހަރުދަނާކުރަންޖެހޭ ކަންކަން ވަރަށް ބޮޑަށް ހާމަވެގެން ދިޔަކަމަށާއި އޭގެތެރެއިން އެއްކަމަކީ ވެކްސިންއާއި ބޭސް ރައްކާކުރެވޭނެ ރަނގަޅު ނިޒާމެއް ހެދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޖަޕާނުގެ އެހީގައި ޤާއިމުކުރާ ކޯލްޑް ޗެއިންއާއެކު ވެކްސިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވޭނެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ވަރަށް މުހިންމު މަސައްކަތެއް. ޚާއްސަކޮށް އަތޮޅުތަކުގެ ޚިދުމަތްތައް ރަނގަޅުކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ ކޮންމެ ޙާލަތެއްގައި ޔުނިސެފާއި ޖަޕާން ސަރުކާރުގެ ދިވެހިރާއްޖެއަށް އަބަދުވެސް ލިބެމުންދާތީ، އެކަން ފާހަގަކޮށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

ޖަޕާން ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ ރާއްޖޭގައި އެކި ދާއިރާތަކުން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކުގައި އެ ޤައުމުގެ އެހީ އަބަދުވެސް ލިބެމުންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ސިއްޙީ ކުއްލި ހާލަތެއް ކުރިމަތިވި ނަމަވެސް މިވެދިން އެހީ ބޮޑު އެހީއަކަށްވެގެންދާނެ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

"ބައިބަޔަށް ތަކެތި ގެނައުމުގެ މަސައްކަތް ކުރިއަށްދަނީ. މިހާރުވެސް ގިނަ ވަސީލަތްތަކެއް ރާއްޖެ ގެނެސްވަނީ ބޭނުންކުރަން ފަށާފައި. ޖަޕާނުން އަބަދުވެސް އޮންނާނީ ރާއްޖެއަށް އެހީވުމަށް ތައްޔާރަށް." ސަފީރު ވިދާޅުވިއެވެ.

މީގެއިތުރުންވެސް ކޯވިޑް ހާލަތާ ގުޅިގެން ޖަޕާނުންވަނީ މާލީ އެހީވެސް ދީފައެވެ. އަދި ރާއްޖެއަށް 112000 ޑޯޒް ވެކްސިންވެސް އެ ޤައުމުން ހަދިޔާކޮށްފައިވެއެވެ.