ޚަބަރު

އިންޓަރނޭޝަނަލް ޕާލަމެންޓް ފޯރ ޓޮލަރެންސް އެންޑް ޕީސްގައި ބައިވެރިވުމަށް ފާސްކޮށްފި


އިންޓަރނޭޝަނަލް ޕާލަމެންޓް ފޯރ ޓޮލަރެންސް އެންޑް ޕީސްގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިންޓަރނޭޝަނަލް ޕާލަމެންޓް ފޯރ ޓޮލަރެންސް އެންޑް ޕީސް އަކީ ގްލޯބަލް ކައުންސިލް ފޯރ ޓޮލަރެންސް އެންޑް ޕީސް ގެ ލެޖިސްލޭޓިވް ބޮޑީއެވެ. މި ޖަމްޢިއްޔާގައި ދުނިޔޭގެ 70 އަށްވުރެ ގިނަ ޕާލަމެންޓް މެންބަރުން ހިމެނެއެވެ. ގްލޯބަލް ކައުންސިލް ފޯރ ޓޮލަރެންސް އެންޑް ޕީސް އަކީ މޯލްޓާގައި 2017 ވަނަ އަހަރު އުފެދުނު ނޮން- ގަވަރންމެންޓަލް އޯގަނައިޒޭޝަނެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު އަމާޒަކީ ދުނިޔޭގައި ސުލްޙަ އާއި އަމަންއަމާންކަން ފެތުރުމަށް މަސައްކަތްކުރުމެވެ.

މިޖަމްއިއްޔާއާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ.

މިޖަމްއިއްޔާގެ މައިގަނޑު މަސައްކަތަކީ ދުނިޔޭގެ ސުލްޙަ މަސަލަސްކަމަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގެ ގޮތުން، ސުލްޙައިގެ ސަޤާފަތެއް ފެތުރުމަށް މަސައްކަތްކުރުމެވެ.

މިޖަމްއިއްޔާއިން ދުނިޔޭގައި ސުލްޙައިގެ ސަޤާފަތް ފެތުރުމަށް ކުރަމުންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ތަފާތުކުރުމާއި ނަސްލީ އިމްތިޔާޒު، އަދި ހަރުކަށިފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ބައިނަލްއަޤްވާމީ ސުލްޙަ މަސަލަސްކަމާއި ސަލާމަތީ ޚިދުމަތްތައް ހަރުދަނާކުރުމާއި، ހުރިހާ އެންމެނަށްވެސް ރަނގަޅު ދިރިއުޅުމެއް ފޯރުކޮށްދެވޭނެ އުސޫލްތައް ކުރިއެރުވުމާއި، އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ ސަޤާފަތް ކުރިއެރުވުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ އިތުރުކޮށް، ކުރިއަރަމުން އަންނަ ޤައުމުތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ގިނަކުރުން ހިމެނެއެވެ.

ޖަމްއިއްޔާގެ ޕާޓްނަރުންގެ ތެރޭގައި އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.) އާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އާއި، ޔުނައިޓެޑް ނޭޝަންސް އޭލިއަންސް އޮފް ސިވިލައިޒޭޝަނާއި، ޔުނިވަރސަލް ޕީސް ފެޑަރޭޝަނުގެ އިތުރުން ޔުނިވަރސިޓީ އޮފް ޕީސް ވެސް ހިމެނެއެވެ.