ކުޅިވަރު

އަނިޔާއާއި ގުޅިގެން ރިޝްފާނަށް ސާބާ މުބާރާތް ގެއްލިއްޖެ


ގައުމީ ބާސްކެޓް ޓީމުގެ ރިޝްފާން ރަޝީދުގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާއަށް ކުރިއަށް އޮތް ސާބާ ބާސްކެޓް ބޯލް މުބާރާތް ގެއްލިއްޖެއެވެ. ރިޝްފާން ރަޝީދު (ކޮކީ)އަށް އަނިޔާވެފައިވަނީ ދޯހާގައި ގައުމީ ބާސްކެޓް ޓީމުން ކުރި ކޭންޕްގެ ތެރެއިން އެޓީމުން ކުޅުނު ފުރަތަމަ މެޗްގެ ތެރެއިންނެވެ. ގައުމީ ބާސްކެޓް ޓީމުން މިހާރު ތައްޔާރުވަމުންދަނީ މިއަންނަ މަހުގައި އޮންނަ ސައުތް އޭޝިއަން ބާސްކެޓް ބޯލް މުބާރާތަށް ތައްޔާރުވުމަށެވެ. އެގޮތުން އެޓީމުންވަނީ ދޯހާގައި ކޭންޕް ކޮށްފައެވެ. ފުރަތަމަ މެޗުގައި ގައުމީ ބާސްކެޓް ޓީމް ވާދަކުރީ ދޯހާގައި ދިރިއުޅޭ ސީރިޔާ ކުޅުންތެރިންނާއެވެ. މެޗުގެ ދެވަނަ ކުއަޓަރގައި ކުޅެމުންދަނިކޮށް ރިޝްފާން ކަކުލަށް ވަނީ އަނިޔާވެފައެވެ.

މިއާއެކު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކަކޫ އޮޕަރޭޝަން ކުރަން ޖެހިފައިވާއިރު، މިފަދަ އަނިޔާތަކުން ރަނގަޅުވުމަށް އާންމުކޮށް 6 މަސް ދުވަހާއި 9 މަސް ނަގައެވެ. ގައުމީ ޓީމުގެ ޑޮކްޓަރު އަޙުމަދު ރާފިޢުބުނީ ކަކުލަށް ލިބޭ މިފަދަ އަނިޔާތަކުން ރަގަނޅުވުމަށް އޮޕަރޭޝަން ކުރަން ނަގާނީ ދެ ތިން ދުވަސްކަމަށެވެ. އަދި ބާކީ މަސް ދުވަސްތައް ނަގާނީ ފަރުވާއަށްކަމަށެވެ. ރިޝްފާން ރަޝީދުގެ ކަކުލަށް މިލިބުނު އަނިޔާގެ ސަބަބުން ސާބާ މުބާރާތް އޭނާއަށް ގެއްލުނުއިރު، މިއަންނަ އަހަރުގެ ސީޒަންގެ ބޯޑުބައެއްވެސް ގެއްލޭނެއެވެ.