ދުނިޔެ

ތުރުކީ ސިފައިން އިރާޤަށް ފޮނުވި މައްސަލަ ހޫނުވެއްޖެ


ތުރުކީވިލާތުން އިރާޤަށް ސިފައިން ފޮނުވި މައްސަލަ އިރާޤުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުގެ ސަބަބުން ތުރުކީވިލާތުން މިކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.ތުރުކީވިލާތުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާލިތް ޗެވިކް ވިދާޅުވީ، ތުރުކީވިލާތުން އިރާޤަށް ސިފައިން ފޮނުވީ އައި.އެސް ހަނގުރާމަވެރިންނާ ދެކޮޅަށް އެގައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް އަސްކަރީ ތަމްރީނު ދިނުމަށް ކަމަށާ މިމައްސަލަ އިރާޤުން މިވަނީ މާ ބޮޑުކޮށްފައި ކަމަށެވެ. އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޗެވިކް ވިދާޅުވީ، ދެގައުމުގެ ދޭދޭ ގުޅުމުގެ މަގުން މިމައްސަލަ ހައްލުކުުރުމަށް ތުރުކީވިލާތުން މަސައްކަތްކޮށްފައިވާ ކަމަށާ މިމައްސަލަ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަކީ އައި.އެސްއާ ދެކޮޅަށް ބައިނަލްއަޤްވާމީ ދުނިޔެއިން ކުރަމުންދާ ހަނގުރާމައަށް ލިބިގެންދާ ނިކަމެތި ކަމެއް ކަމަށެވެ.ތުރުކީވިލާތުން އިރާޤުގެ އުތުރަށް 150 ސިފައިންގެ ފައުޖެއް ފޮނުވާފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ. މީގެ ތެރެއިން ބައެއް ސިފައިން މިހާރު އިރާޤުގެ ކުރުދުސްތާނުގެ އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފައިވާއިރު، އިރާޤުން ވަނީ ތުރުކީގެ ހުރިހާ ސިފައިން އެގައުމުން ބޭލުމަށް ޢަމުރުކޮށްފައެވެ.