ޚަބަރު

މިޔަންމާގެ ބައިވެރިވުމެއް ނެތި އާސިޔާނުގެ ބައްދަލުވުން ފަށައިފި


މިޔަންމާގެ އެއްވެސް ބައިވެރިވުމަކައި ނުލައި އާސިޔާންގެ އެންމެ އިސްވެރިންގެ ބައްދަލުވުން ފަށައިފިއެވެ.

ދެނުކު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ މައްޗަށް އެކުލެވޭ އާސިޔާންގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބަައިވެރިވެވަޑައިގަތުމުގެ ދަޢުވަތު މިޔަންމާގެ އަސްކަރީވެރިޔާ މިން އައުންގް ހިޔަންގަށް ނުދިނުމަށް އެ ޖަމުޢިއްޔާއިންވަނީ ނިންމައިފައެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތުގެ މޭސްތިރިޔާކަމަށްވާ މިން އައުންގް ހިޔަންގަށް ދަޢުވަތު ނުފޮނުވަން ނިންމާފައިވަނީ އާސިޔާންގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ. ޤައުމުތަކުގެ ދާޚިލީ މައްސަލަތަކާ ޢާއްމު ގޮތެއްގައި ނުބެހޭ އާސިޔާނުން ނިންމާފައިވަނީ ސިޔާސީ ވިސްނުން ނުގެންގުޅުއްވާ ބޭފުޅަކަށް އެ ދަޢުވަތު ދިނުމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވުމަށް ޢާއްމުންގެ މަންދޫބަކަށް ދަޢުވަތު ދިން ނަމަވެސް އޭނާ ބައިވެރިވެފައެއް ނުވެއެވެ. އާސިޔާނުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ބުރޫނާއީންވެސް އަދި އެ ޖަމުޢިއްޔާގެ ރަސްމީ އިދާރާއިންވެސް އެ ބައްދަލުވުމުގައި މިޔަންމާ ބައިވެރިނުވައި މައްސަލައަށް އެއްވެސް ވަރަކަށް އަލިއަޅުވައިލާފައެއް ނުވެއެވެ.

އާސިޔާނުގެ މެންބަރުކަން މިޔަންމާއަށް ލިބުނީ 1997 އަހަރުގެ ތެރޭގައެވެ، އޭރުވެސް އެ ޤައުމުގައި އޮތީ އަސްކަރީވެރިކަމެކެވެ.